ޚަބަރު
ޓައިމްސް މެގަޒިންއިން ހޮވި ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙުސިއްޔަތުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
12 ފެބްރުއަރީ 2026، 08:51
12 ފެބްރުއަރީ 2026، 08:51
ޚަބަރާއި މަޢުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާއިން ހޮވި2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައިފިއެވެ.
އެ މަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، ޢާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެ މަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
އެގޮތުން ޓައިމްސް މެގަޒިންއިން ވަނީ މި ސަރުކާރުގެ ޞިއްޙަތާ ބެހޭ ސިޔާސަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.
ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ޞިއްޙީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތީން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ.
ޓައިމްސް މެގަޒިންއިން ހޮވި 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ޞިއްޙީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ޞިއްޙީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ.
މި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ޞިއްޙި ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ޞިއްޙީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރެއްވިއެވެ.
ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައިވެއެވެ.