Ads by PNC

ޚަބަރު

ރައީސްގެ ތަޞައްވުރާ އެއްގޮތަށް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެރަޕިސްޓުން ހޯދަން އިޢުލާނު ކޮށްފި

ރައީސްގެ ތަޞައްވުރާ އެއްގޮތަށް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެރަޕިސްޓުން ހޯދަން އިޢުލާނު ކޮށްފި

ޞިއްޙީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 06:36

16 ފެބްރުއަރީ 2026، 06:36

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، ސިއްހީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލުތަކަަށް ބޭނުންވާ ތެރަޕިސްޓުން ހޯދުމަށް މިއަދު އިޢުލާނުކޮށްފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި އިންސާނީ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ.

މިނިސްޓްރީ އޮފް ހެލްތުން ކުރި އިޢުލާނުގައި ބުނެފައިވަނީ ސްޕީޗް ތެރަޕިސްޓް، ބިހޭވިއަރަލް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް އަދި ސައިކޯތެރަޕިސްޓްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ދާއިރާއަކުން 10 ތެރަޕިސްޓުން ހޯދުމަށް ވަނީ ނިންމާފައެވެ. މި މަގާމުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 15 ވަނަ ދުވަހެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގައި އެކި ކަހަލަ ތެރަޕީތަކަށް ބޭނުންވެފައިވާ މީހުން ގިނަ ނަމަވެސް، އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް އޮތްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި ޑިގްރީ ފެންވަރަށް ތައުލީމާއި ތަމްރީން ދިނުމުގެ ގައުމީ މަޝްރޫއެއް މާރިޗު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މިހާރުން މިހާރަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިޔަރަލް ތެރަޕިސްޓުންގެ އިތުރުން ފިޒިއޯ ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުން ހިމެނެއެވެ.

ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސަވިސަސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާޓް ތެރަޕީ ސެންޓަރެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު މެދުތެރޭގައި ފަށާނަން،" ކަމަށެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބި، ދިވެހި ފަންނުވެރިން މި ދާއިރާއަށް ނުކުތުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450