Ads by PNC

ޚަބަރު

ދެއިންތިޚާބު އެއްކޮށްލުމާ ބެހޭ ބިލް ތަސްދީޤް ކުރެެއްވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ރައީސް ނިންމަވައިފި

ދެއިންތިޚާބު އެއްކޮށްލުމާ ބެހޭ ބިލް ތަސްދީޤް ކުރެެއްވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ރައީސް ނިންމަވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 09:30

16 ފެބްރުއަރީ 2026، 09:30

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން ޤަރާރަކުން އިޢުލާނު ކުރައްވައިފިއެވެ.

މި ބިލަކީ 2026 ފެބުރުވަރީ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން، މިފަދަ އިޞްލާޙުތައް ތަޞްދީޤު ކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ: "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ 'ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.

މި ވޯޓު ނެގުމަށް ކަނޑައަޅާފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށެވެ. ޤާނޫނުގައިވާ ގޮތުން، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު މި އިޞްލާޙަށް ލިބިއްޖެނަމަ، ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް ބިލު ތަޞްދީޤު ކުރައްވަން ޖެހޭނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ބިލު ބާޠިލުވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450