ޚަބަރު
ސިނަމާލެ އަދި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް 100،000 ރުފިޔާގެ އިނާޔަތެއް ދެނީ
މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް 100،000 ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އިނާޔަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ހޯމާ ދުވަހުގެ ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ.
އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި، ފްލެޓްތައް ބައުވެ ސްޓްރަކްޗަރ ހަލާކުވެ އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީއެވެ.
އެގޮތުން ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިނުވާ ފައިސާގެ ޖުމްލަ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، އެ ފައިސާއިން 100،000 ރުފިޔާއާ ހަމައަށް އުނިކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދެވި ސިލްސިލާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، މިދިޔަ ޑިސެންބަރު މަހު މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓުތަކާ ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ އެ މަނިކުފާނާ ޚިއްޞާކުރައްވާފައެވެ.
ގަލޮޅުގެ ރައްޔިތުންނާއި ރައީސް ޑރ މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
އެގޮތުން އެ ފްލެޓުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ކަންބޮޑުވުން އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ޚިއްޞާ ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވީ، ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތްކުރާ ޖޫރިމަނާއަކީ، ކުރިން މާފުކޮށްދީފައި އޮތް ޖޫރިމަނާއެއް ކަމަށާއި، އެ ފައިސާ ދައްކަން ނުޖެހޭނެކަމަށެވެ. އަދި ކުރިން ނިންމާފައި އޮތް ކަމެއް އެ ގޮތަށް ކުރިޔަށް ގެންދިއުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށާއި، އެހެންކަމުން މިކަން އަލުން ބެއްލެވުމަށް، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން އިންނެވި ޑެޕިއުޓީ މޭޔަރުގެ އަރިހުން ރައީސް އެރޭ އެދިވަޑައިގެންނެވިއެވެ.
ޖޫރިމަނާގެ އިތުރުން، ލިފްޓު މަސައްކަތް ނުކުރާކަމާއި، އަދި މަތީ ބުރީގެ ފާޚާނާތައް ބޭނުން ކުރުމުން، އެ ފާޚާނާއާ ދިމާލުން ތިރީ ބުރީގެ ފާޚާނާއަށް ފެންފައިބާ މައްސަލަ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ އިމާރާތްތަކަކީ ސީދާ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމުން، އެ ތަންތަނުގެ މަރާމާތުގެ ކަންކަމަކީ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަން ޖެހޭނެ ކަންކަންކަމުގައެވެ.
އަދި ޖޫރިމަނާ އާއި ކުލީގެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވީ އެ ރެއެވެ.