ޚަބަރު
ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު
ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު އެކުލަވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ނޭޝަނަލް ޕާރލިމަންޓުގައެވެ.
ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީންއެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައި މަރުޙަބާ ދަންނަވާފައެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތާރިޤް ރަޙްމާންގެ ލީޑަރޝިޕުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ބަންގްލަދޭޝަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެ ޤައުމުގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.