Ads by PNC

ޚަބަރު

ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމް، ބާއްޖަވެރިކަމުގެ މައްސަރު: ރައީސުލްޖުމްހޫރިއްޔާ

ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމް، ބާއްޖަވެރިކަމުގެ މައްސަރު: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

17 ފެބްރުއަރީ 2026، 10:58

17 ފެބްރުއަރީ 2026، 10:58

ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމްކަމަށާއި އަދި އެއީ ބާއްޖަވެރިކަމުގެ މައްސަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން‏ މަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ނެރުއްވި ޚިޠާބުގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މިއީ ރަމަޟާން މަސް ބައްދަލުކުރި އުފާވެރި ވަގުތުކަމަށާއި، އަދި ރޯދައަކީ ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށްޓަކައި ފަރުޟުކުރެއްވި އަޅުކަމެއް ކަމުގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި ވަނީ މުޖުތަމަޢު އިސްލާޙު ކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިޞްލާޙުގެ ފެށުމަކީ ތިމާކަމަށާއި، އިޞްލާހީ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށްވުން، އެ މީހަކާ ހިސާބުން ފަށަންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

އަދި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، މި މުޖުތަމަޢުން ދެކެން ބޭނުންވާ ގިނަ ހެޔޮކަންތައްތައް ހުރިކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމުގެ އިތުރުން، އުސޫލާއި ޤާނޫނާއި ގަވާއިދަށް ބޯލެނބުން ވެސް ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަސްވަގުތު ނަމާދު ކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށާއި، ކުޑަކުދީންގެ ކަރާމާތް ރައްކާތެރި ކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމު ކުރާ މުޖުތަމަޢެއް ބޭނުންވެއެވެ.

މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީ ގޮތުން ނުރަގަނޅު އާދަތަކަށް ނޫނެކޭ ބުނުމާއި، ހުރިހައި ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތާ ދިވެހީންގެ ހަރުދަނާ އިސްލާމީ ސަޤަފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރަމަޟާން މަސް، އަޚްލާޤުގެ އެންމެ މަތިވެރި ހުރިހައި ފިލާވަޅެއް އުނގަންނާދޭ ކަމަށާއި، އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި ވަގުތަށް ކަމޭ ހިތާން ދަސްކޮށްދޭ ކަމަށެވެ. ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި، ރޫޙާއި، ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދޭ ކަމަށާއި، އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮ އެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވި ގޮތް ދައްކައިދޭ ކަމަށެވެ.

ރޯދަ ވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ، ޖަމާޢަތުގެ ގުޅުންތައް ހަރުދަނާ ކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނަވައި ދިނުމުގެ މަދަރުސާ ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. އެހެންކަމުން މި ކަންކަން އަމިއްލަ ނަފުސާ ހަމައިން ފަށާ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފުސު އެ ބަދަލާ އެއް ގޮތަށް، ދީނީ ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔާތު ކުރާ މައްސަރަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450