ޚަބަރު
އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ރަމަޟާން މަހުގެ ތަޙުނިޔާ ފޮނުއްވައިފި
ޖޮއިންޓް އިސްލާމިކް ސަމިޓަށް 2024ގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުން / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
18 ފެބްރުއަރީ 2026، 10:33
18 ފެބްރުއަރީ 2026، 10:33
އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މައްސަރަކީ އިސްމާލީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.