ޚަބަރު
ކޮންގްރެސް ޕާޓީއިން ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ކޮންގްރެސް ޕާޓީއިން ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން / ފޮޓޯ: ކޮންގްރެސް ޕާޓީ
ފަރުދުން
19 ފެބްރުއަރީ 2026، 11:29
19 ފެބްރުއަރީ 2026، 11:29
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އަށް ތާއީދު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް އާއި މާލެ ސަރަޙައްދުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންއާއެކު، މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ވަޑައިގެންފައެވެ.
މި ހަރަކާތުގައި މާފަންނު ހުޅަނގު ދާއިރާގެ މަޤާމުތަކަށް ވާދަކުރާ ކެނޑިޑޭޓުންނާއި، ދައުލަތުގެ ވަޒީރުންނާއި އަދި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ މަގުމަތިން ވެސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބުކުރުމަށް ކޮންގްރެސް ޕާޓީއިން ބުރަކޮށް މަސައްކަތް ކުރަމުން ގެންދާއިރު، އިންތިޚާބުގެ ކުރިން އެ ޕާޓީއަށް ވަނީ 69 ގޮނޑި ކަށަވަރުވެފައެވެ. އެއީ ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއެވެ.