ޚަބަރު
ކުވައިތުގެ ގައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ކުވައިތުގެ ކްރައުން ޕްރިންސްއާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުން
ކުވައިތުގެ ގައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ އަމީރު، ހިޒް ހައިނަސް ޝައިޚް މިޝައުލް އަލްއަހުމަދު އަލްޖާބިރު އައްސަބާހަށާއި، ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް އަހުމަދު އަބްދުﷲ އަލްއަހުމަދު އައްސަބާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ފޮނުއްވައިފިއެވެ.
ކުވައިތުގެ އަމީރަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސްގެ ސިޓީފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަދި އެކުވެރި ގުޅުމަކީ ދެފަރާތުގެ އިހުތިރާމާއި ހިއްސާކުރާ އަގުތަކުގެ މައްޗަށް ބިނާވެފައިވާ، ރާއްޖެއިން ނުހަނު އިސްކަންދޭ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެ ގުޅުން އައު އުސްމިންތަކަކަށް ދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ. އަދި ކުވައިތުގެ އަމީރަށާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖޭގެ ތަރައްގީއަށް ކުވައިތުން ދެމުންދާ ދީލަތި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބައިވެރިވުން އިތުރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުވައިތުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހެވެ. އަދި މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހެވެ.