ޚަބަރު
ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ޙަޤީގަތަކަށް ވެއްޖެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ޙަޤީގަތަކަށް ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ކައުންސިލުތަކަށް އާމްދަނީ ލިބޭނެ މަގުތައް މިއަދު އިތުރަށް ފަހިކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން، އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ޙަޤީގަތަކަށް ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ކައުންސިލްތަކަށް ވަޞީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން އިސްނަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްތަކުގެ ޞިއްޙީ އަދި ތަޢުލީމީ އިޖުތިމާޢީ ޚިދުމަތްތައް ވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު ޙަޤީޤަތަކަށް ހައްދަވައިދީފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަޞީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ މަގުހެދުމާއި، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީ ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ދަނީ އެކި ޙަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.