ޚަބަރު
ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އަންނަ މާރިޗު މަހުގެ 1 ގައި
މިދިޔަ ރަމަޟާން މަހު ބޭއްވި ޙާފިޡުންގެ ދަސްވެނިވުން
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުމުގެ ރަސްމިއްޔާތު، އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން ބާއްވާ މި ޚާއްޞަ ޖަލްސާ އޮންނާނީ އެ ރޭ އިސްލާމީ މަރުކަޒުގައެވެ. މި އަހަރު ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ޖުމްލަ 50 ޙާފިޡުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ ފަހަރު މި ޝަރަފު ލިބިވަޑައިގެންނެވީ 28 ޙާފިޡުންނަށެވެ.
މި ރަސްމިއްޔާތަކީ ކީރިތި ޤުރްއާން އުނގެނުމާއި، ދަސްކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ބާއްވަވާ މުހިންމު ރަސްމިއްޔާތެކެވެ.