Ads by PNC

ޚަބަރު

ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރު ސިޓީ ފޮނުވީ ޤާނޫނު އަސާސީއާ ޚިލާފަށް، މިއީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!

ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރު ސިޓީ ފޮނުވީ ޤާނޫނު އަސާސީއާ ޚިލާފަށް، މިއީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--

08 މާރިޗު 2026، 03:40

ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރު ސިޓީ ފޮނުވީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، މިއީ އެންމެ މަތީ ހިޔާނާތުގެ ކުށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ދަ ގްރޭޓާ އައްޑޫ ވިޝަން" ގެ ތަފްޞީލް ލޯންޗު ކުރުމަށް ޕީއެންސީ އިން އިސްނަގައިގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އަމިއްލަ ސިކުނޑިން ކަންކަމާއިމެދު ވިސްނާ ނިންމުންތައް އަމިއްލައަށް ނިންމާ ބަޔެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ބަޔަކު ދައްކާ ވާހަކައަކީ ތެދެއް ކަމަށް ޤަބޫލްކުރުމުގެ ބަދަލުގައި އަމިއްލައަށް ކަންކަމާއި ވިސްނަން ޖެހޭ ކަމަށެވެ. އަދި ކަންކަމުގެ ޙަޤީގަތް އޮޅުވާލުމަށް އުޅޭ މީހުންގެ ޙަޤީގަތް އޮޅޭހާ ދުވަހެއް އަދި ނުވާކަަމަށް ކުރީ ސަރުކާރަށް ނިސްބަތްކުރައްވާ ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫ އާއި މާ ދުރުނޫން ހިސާބެއްގައި އަޅުގަނޑުމެންގެ ކަނޑުން ބައެއް މިދިޔަ ސަރުކާރުން ދޫކޮށްލީ. އެކަން ކުރި ފަރާތުން ރައްޔިތުންގެ ކައިރިއަށް އައިސް މިއެދެނީ ތިމަންނަ މެނަށް ތާއީދުުކރާށޭ. ޤައުމީ ވިސްނުމެއް ނެތް. ޤައުމުދެކެ ލޯބިނުވާ، އަމިއްލަ އެޖެންޑާއެއްގައި ކަންކަން ކުރާ ބައެއް. އެކަން ވެސް ކުރި ގޮތަކީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ފޯޅަވަހީގެ މައްސަލައަކީ މޮރިޝަސްގެ ސަރުކާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށާއި، އާބިޓްރޭޝަންގެ ތެރެއިން އެ މައްސަލަ ނިމުނުނަމަ ރާއްޖެއަށް ގެއްލުންވާ ގޮތަށް ނިމުނު ނަމަވެސް އެކަމާއި ޗެލެންޖްކޮށް އެކަން ކާމިޔާބުކުރުމަށް ފުރުޞަތު ބޮޑުވާނެކަމަށެވެ. ނަމަވެސް، އެހެން ގޮސްފައި ނިމެން އޮތް ކަމެއްގައި މިދިޔަ ސަރުކާރުން އިސްވެ އިޓްލޮސްއަށް ދިއުމަށް އެދިފައިވާކަން ރައީސް ވަނީ ފާހަަގަކުރައްވާފައެވެ.

އެގޮތުން، އިޓްލޮސްއަށް ދިއުމަށް ވަކީލުން ނެގުމަށްފަހު، ރައްޔިތުންގެ ފައިސާއިން 37 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިޓްލޮސްއަށް ގޮސްގެން މައްސަލަ ނިންމާފައިވަނީ ރާއްޖެއިން ބޮޑުބައި ގެއްލިގެން ދާގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ނިމިފައި އޮތް ގޮތުން ސަރުކާރުން ކުރަން ޖެހޭ މަސައްކަތުގައި ގޮންޖެހުން ބޮޑު ކަމަށާއި، އެކަން އެގޮތަށް ނުކޮށް އާބިޓްރޭޝަން ތެރެއިން ނިމެން ދޫކޮށްލިނަމަ ގޮންޖެހުންތަކާއެކު ވެސް ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުވީސްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ވަކީލުން ވިދާޅުވަނީ ދިރާސާކޮށްކޮށް ވެސް ފާހަގައެއްނުކުރެވުނޭ ކީއްވެ ކަމެއް ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެއަށް ގެއްލުންވާނެ މަގެއް އިޚްތިޔާރްކުރީ. އެކަން ކުރީ މަޖިލީހުގައި ވެސް ނާހާ. ރައީސް ސޮއިކޮށްލައި ސިއްރު ސިއްރުން ސިޓީއެއް މޮރިޝަސް ސަރުކާރަށް ފޮނުވީ. މިއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޚިލާފުކަމެއް. މިއީ އެންމެ މަތީ ހިޔާނާތުގެ ކުށަކަށްވާނެ ކަމަށް ޤަބޫލްކުރެވެނީ.

ރައީސް އިތުރަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ، އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިވަރުގެ ޚިޔާނާތުގެ ބޮޑު ކުށެއް ކުރުމަށްފަހު، ރައްޔިތުންގެ ކިބައިން އަދިވެސް ވޯޓަށް އެދެމުންދާތީ ރައީސް ވަނީ ފާޑުކިޔުން ރައްދުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450