Ads by PNC

ޚަބަރު

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 މާރިޗު 2026، 10:20

09 މާރިޗު 2026، 10:20

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ލުއި ލޯނު އެހީ ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖުކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ މުހިންމު ޖަމާއަތެއް ކަމަށެވެ.

މި އަހަރުގެ ޝިއާރު ކަމަށްވާ "އަންލޮކިން އޮޕޮޗޫނިޓީސް ޓުގެދަރ ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" އަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ޝިއާރުން ރަމްޒުކޮށްދެނީ ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ ބައިވެރިވުމާއި އެކުވެރިކަމުގެ ރޫހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ޝިއާރަކީ ރާއްޖޭގެ ގައުމީ ސިޔާސަތުތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެކެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމާއި، ތައުލީމީ ފުރުސަތުތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ޑިޖިޓަލައިޒޭޝަންގެ ފައިދާ ހުރިހާ މުޖުތަމައުތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމުން، މޫސުމީ ބަދަލުތަކާއި ދުނިޔޭގެ އިގްތިސާދީ ލޮޅުންތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުން ފާހަގަކުރައްވަމުން، ރައީސް ވަނީ ކޮމަންވެލްތުގެ ތެރެއިން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވާފައެވެ. އަދި ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް ހުރިހާ ގައުމަކަށް ކުރިއެރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަކީ (ޗޯގަމް) ގައުމުތަކުގެ މެދުގައި އޮތް ގުޅުން އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ އާއިލާއަށް ފައިދާހުރި ނަތީޖާތަކެއް ހޯދުމަށް ރާއްޖެއިން އަމަލީގޮތުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450