Ads by PNC

ޚަބަރު

ވިސްނުމަކީ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅުން: ރައީސުލްޖުމްހޫރިއްޔާ

ވިސްނުމަކީ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅުން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

29 މާރިޗު 2026، 08:03

29 މާރިޗު 2026، 08:03

ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅިފައި އޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެސްޕްރެސޯ ވިތު ރައީސްގެ ނަމުގައި ޒުވާނުންނަށް ޚާއްޞަކޮށް ހޮނިހިރު ދުވަހުގެރޭ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގެ ތިން ބާރުވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މަޤާމުތަކަށް ހޮވިގެން ނުދިއުމުގެ ސަބަބުން ޒުވާނުންނާއި އަންހެނުން ނިޒާމުގެ ތެރޭގައި ތަމްސީލު ނުވާކަމަށެވެ. އަދި އެހެންކަމުން ސަރުކާރު ހިންގުމުގެ ތެރެއިންނާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ އަޑު އެކަށީގެންވާ މިންވަރަށް އިއްވިގެން ނުދާކަން ފާހަގަކުރެއްވިއެވެ.

މިކަމަށް ނިމުމެއް ގެނައުމުގެ ގޮތުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށްފަހު، ޤާނޫނުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ގަސްތުކޮށް އެކަމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް، މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަޖިލީހުގައި މެންބަރުން ތިބޭ ނިސްބަތް ކަނޑައެޅުމުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި ގުޅޭ އިސްލާހެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މިކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމަކީ މިވަގުތު މަޝްވަރާ ކުރެވޭ ކަމަކަށްވުމުން، އެ ކަމުގައި ރައްޔިތުންނާއި ޙާއްސަކޮށް ޒުވާނުން އަދި އެނޫންވެސް ފަރާތްތަކުގެ ވިސްނުން ބައްލަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅިއްޖެ ނަމަ، މިއީ ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާ ތެރެއަށް ޒުވާނުންނާއި އަންހެނުންނަށް ވަދެވި އެ ފަރާތްތަށް ބާރުވެރިވެގެންދާނެ ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިހާރު އޮންނަ ނިޒާމުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންނަށްވެސް މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ޤާބިލް ޒުވާނުންނާއި އަންހެނުން ހޮވުމުގެ ފުރުސަތު އޮންނަނީ ވަރަށް ހަނިކޮށެވެ. އެހެންކަމުން މި ކަމުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ޒުވާނުންނަށް 10 އިންސައްތަ އަދި އަންހެނުންނަށް 10 އިންސައްތަ ޙާއްޞަ ކުރުމަށްކަމަށް ވިދާޅުވިއެވެ.

މިހާރު މިއޮތީ 93 ގޮނޑި، އޭގެތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުން، އެއީ 30 އަހަރުން ދަށުގެ. 9 މެންބަރުން އަންހެން މެންބަރުން، މިސާލަކަށް މިހެން ޑިސްކަސް ކުރަންޏާ ބުނަންވީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިގޮތަށް ޙާއްޞަކުރާ ވަކި ދާއިރާތަކަށް މީހުން ހޮވާނެ ގޮތްތައް ކަނޑައަޅާނެ އެންމެ އިންސާފުވެރި ގޮތަކާ ގުޅިގެން މަޝްވަރާކުރައްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަށް މިކަން ކުރުމަށް އެންމެ އިންސާފުވެރި ގޮތަކަށް ފެނިވަޑައިގަންނަނީ ގުރުއަތު ނަގައިގެން ދާއިރާތައް ކަނޑައެޅުން ކަމަށެވެ.

ރާއްޖޭގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އާބާދީއަށް ބަލާއިރު ޒުވާނުންނަކީ 39 އިންސައްތައެވެ. އަދި 49 އިންސައްތަ ހިއްސާކުރަނީ އަންހެނުންނެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އެ ފަރާތްތައް ތަމްސީލުކުރަން ވަކި އިންސައްތައެއް ޚާއްސަކުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާރު ނެގުމަށް ތައްޔާރުވަމުންދާ ރެފަރެންޑަމް ވޯޓު ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، މި އިސްލާޙަކީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ރިފޯމް މަސައްކަތުގެ ތެރެއިން ގެންނަން ބޭނުންވާ ބަދަލެއްކަމަށް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450