ޚަބަރު
އޭޕްރީލް 1 އިން ފެށިގެން އާސަންދައިގެ ދަށުން އެމްބިއުލެންސްގެ ޚިދުމަތް ފުޅާދާއިރާއެއްގައި ލިބޭނެ ގޮތް ހަމަޖައްސަވައިފި
ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވި އެމްބިއުލާންސް ފޮޓޯ: އެޑިޝަން
އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުހިންމު ބަދަލުތަކެއް ގެންނަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ނިންމުމަކީ ރައްޔިތުންގެ ފަރާތުން އަންނަ ގިނަ ރިކުއެސްޓްތަކަކަށް ބިނާކޮށް، ޓެކްނިކަލް އަދި ފައިނޭންޝަލް ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ބަދަލާއެކު، މީގެ ކުރިން އާސަންދައިގެ ދަށުން އެމްބިއުލެންސް ނުލިބޭ ގިނަ ހާލަތްތަކެއްގައި މިހާރު ޚިދުމަތް ލިބިގެންދާނެއެވެ.
އޭޕްރީލް 1 އިން ފެށިގެން އާސަންދައިގެ ދަށުން އެމްބިއުލެންސް ޚިދުމަތް ލިބޭނެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:
- ކުއްލި ހާލަތްތައް: އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަރާތްތަކަށް.
- މައްޔިތުން އުފުލުން: ނިޔާވާ ފަރާތްތައް އެމްބިއުލެންސްގައި އުފުލުމަށް.
- އެނދުމަތިވެފައިވާ ބަލިމީހުން: އައުޓް ޕޭޝަންޓް ޚިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށް.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކާއި، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިން އައުޓް ޕޭޝަންޓް ޚިދުމަތަށް ގެންދިއުމަށް.
- ތެލެސީމިއާ ކުދިން: ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތައް ފަރުވާއަށް ގެންދިއުމަށް.
- ރިފަރަލް އަދި އިވެކުއޭޝަން: އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރާއިރު ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވާއިރު ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ނިމުން ގެނައުމަށްޓަކައި، ބަޖެޓުގެ ތެރެއިންނާއި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހު ތަންފީޒުކުރަން ފަށާ ކަމެކެވެ.