Ads by PNC

ޚަބަރު

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ: ރައީސް

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

30 މާރިޗު 2026، 02:03

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހައުސިން މަޝްރޫޢުތައް ހިންގުމުގައި އެމަނިކުފާނު ބޭނުންފުޅުވި ދުވެލީގައި ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދެވިފައި ނުވާކަން ނޫސްވެރިއަކު ފާހަގަކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމުގައި ވަގުތުތަކެއް ހޭދަވީ ސަރުކާރުގެ ބަޖެޓުން ޚަރަދުނުކޮށް، ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ގޮތަކަަށް އިންވެސްޓަރުން ޚަރަދުކޮށްގެން އެކަން ގެންދެވޭ މޮޑެލްއަކަށް މަޝްރޫޢުތައް ކުރިއަށްގެންދާތީ ކަމަށެވެ.

މާޒީއަށް ބަލާއިރު، އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫޢެއް ނިންމައި، އެތަަން ލިބުނު ރައްޔިތުންނަށް ބޭނުންކުރަން ފެށިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ފަށާ ހައުސިން މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމައި އެތަންތަން ހަވާލުކުރާނެ ކަމަށެވެ.  އެގޮތުން، ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 3،260 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ލަސްވެގެން ޖުލައި މަހުގެ ކުރިން ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، މި ހައުސިން ޔުނިޓުތަކުގެ އިތުރަށްވެސް ހައުސިން މަޝްރޫޢުތަކެއް ފެށުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ތަޢާރަފުކުރި އެފޯޑަބަލް ހައުސިން ޕޮލިސީގެ ދަށުން ބީއެމްއެލްއިން އަޅާ ހައުސިން ޔުނިޓުތަކުގެ އިތުރަށް ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، އެކުވެރި ޤައުމުތަކުގެ އެހީގައި ހައުސިން ޔުނިޓުތައް އެޅުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް ހަލުވި ސްޕީޑުގައި ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދެން ބޭރުގެ ހިލޭ އެހީ ނޫނިއްޔާ ލޯނު އެހީގައި އަޅާ ހައުސިން ޔުނިޓުތައް ހުރީ. މި މަސައްކަތްތައް ވެސް އަޅުގަނޑުމެން ވަރަށް ގާތުން އެ ޤައުމުތަކާ ކޮމިއުނިކޭޓްކުރަން. މިސާލަކަަށް އިންޑިޔާ ސަރުކާރުން ދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅާ ހައުސިން ޔުނިޓުގެ ހުރިހާ ފަންނީ މަސައްކަތްތަކެއް އެދަނީ ކުރިއަށް. އަދި އިތުރު ހައުސިން ޔުނިޓުތައްވެސް އެބައޮތް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މި އަހަރުގެ ދެވަނަ ކުއާޓާގައި ތެރޭގައި ހުރިހާ ހައުސިން ޔުނިޓެއްގެ ޢަމަލީ މަސައްކަތް ފެށޭނެއެވެ. އަދި އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލްއިން ފައިނޭންސްކޮށްގެން ބިނާކުރާ ތަންތަނުގެ މަސައްކަތް މިހާރު ފެށެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި  މިހާރު ހުޅުވާލާފައިވާ ފުލެޓަށް އެޕްލައިކުރުމުގެ ސްކީމުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ފުލެޓުތައް ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމާނަމަ، ކުރިއަށް އޮތް މަހެއް ދެ މަހެއްގެ ތެރޭގައި އެ ހުރިހާ މަޝްރޫޢުތަކެއްގެ ޤަމަލީ މަސައްކަތް ފެށެންޖެހޭނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450