Ads by PNC

ޚަބަރު

މޫސާ ޢަލީ ޖަލީލަށް ވޯޓު ދޭން ޖެހެނީ އެއީ ޤައުމީ ވިސްނުން އުތުރިއަރާ ބޭފުޅަކަށް ވާތީ: ރައީސް

މޫސާ ޢަލީ ޖަލީލަށް ވޯޓު ދޭން ޖެހެނީ އެއީ ޤައުމީ ވިސްނުން އުތުރިއަރާ ބޭފުޅަކަށް ވާތީ: ރައީސް

ޕީއެންސީގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ - 01 އެޕްރީލް 2026

farudhun logo

ފަރުދުން

02 އޭޕްރީލު 2026، 08:22

02 އޭޕްރީލު 2026، 08:22

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކުރިމަތިލެއްވި މޫސާ ޢަލީ ޖަލީލަށް ވޯޓުދޭން ޖެހެނީ، އެއީ ޤައުމީ ވިސްނުން އުތުރިއަރާ، ޤައުމީ ބަޠަލަކަށް ވާތީކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބުދަދުވަހުގެރޭ ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުމަކީ، މާލޭ ސިޓީގައި ކުރަންހުރި ކަންކަން ތަންފީޒުކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށާއި، އެހެންކަމުން ޤައުމީ ވިސްނުން އުތުރިއަރާކަން ދައްކުވައިދީފައިވާ ބޭފުޅަކަށް މާލޭ ސިޓީގެ މޭޔަރުކަން ދިނުމަކީ، ޤައުމަށާއި ޚާއްޞަކޮށް މާލޭ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލަކީ މާލޭގައި ސަރުކާރުން ކުރަންހުރި ކަންކަމަށް ބަލާއިރު، އެންމެ ބޮޑު އެއްބާރުލުމެއް ދޭންޖެހޭ އިދާރާކަމަށާއި، އެހެންވީމަ މާލޭ ސިޓީ ކައުންސިލް ހިންގެވުމަށް ޕީއެންސީއިން ނިކުމެ އެ ހުންނެވީ ޤައުމީ ވިސްނުން އުތުރިއަރާ، އެކަން ދިވެހި ރައްޔިތުންނަށް ދައްކުވައިދީފައިވާ ޤައުމީ ބަޠަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ރައްޔިތުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިލެއްވީ މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށްދެއްވައި، މި މަހުގެ 4ވަނަ ދުވަހު އިންނަ އިންތިޚާބުގައި އެ ބޭފުޅާއަށް ވޯޓުދެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއްކަމުގައެވެ.

މޫސާ ޢަލީ ޖަލީލުގެ ޤައުމީ ވިސްނުން އިތުރަށް ކިޔައިދެއްވަމުން، 1988 ނިވެންބަރު 3ވަނަ ދުވަހުގެ ހާދިސާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޤައުމު އަމާން ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށް މިއައީ ކޮންބައެއްގެ މަސައްކަތުންކަން މިއަދުގެ ޒުވާން ޖީލަށް އެނގެން ޖެހޭ ކަމަށެވެ. އެ ހާދިސާއިން މި ޤައުމު ދިފާއުކުރުމުގައި އެންމެ މަތިވެރި އެއް ދައުރު އަދާކުރެއްވި އެއް ބޭފުޅަކީ މޫސާ ޢަލީ ޖަލީލު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެބަ ޖެހޭ ކިޔައިދޭން، މިއަދުގެ ޒުވާން ޖީލަށާއި، އަޅުގަނޑުމެން މުޅި އެންމެނަށް މިއީ އަމާން ޤައުމެއްގެ ގޮތުގައި ސަލާމަތްވެގެން އައުމުގައި އެ ދުވަހު ކޮން ބައެއް ކޮންކަމެއްކަން ކުރީ. އެކަމުގެ އެންމެ މަތިވެރި އެއް ދައުރު އަދާކުރެއްވި ބޭފުޅާކަން މިއަދު މާލޭގެ ރައްޔިތުންގެ ކަންކަމުގައި ނިކުންނަވައިގެން މި ހުންނެވީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން މިދަފަ ބޭފުޅަކު މާލޭގެ ރައްޔިތުންނަށްޓަކައި ނިކުންނެވުމަކީ އުފަލާއެކު ބަލައިގަންނަން ޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ އެ ބޭފުޅާގެ އިޚްލާސްތެރިކަމާމެދު އެއްވެސް ސުވާލެއް އުފައްދާނެ ފުރުސަތެއް ނެތް، އެކަން ދައްކުވައިދީފައިވާ ފަރާތެއްކަން ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލު ނިކުންނެވި ނިކުންނެވުން އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. މި މާލޭ ސިޓީ ކުރިޔަށް އޮތް ދުވަސްތަކުގައި، މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެއްވުމުގައި އެ ޤައުމީ ވިސްނުމުގަ ހިތްވަރާއެކީގައި މުރާލިކަމާއެކީގައި، އެންމެ ބޮޑަށް އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރައްވާނެ ބޭފުޅަކީ ހަމަޔަޤީންނުންވެސް މޫސާ ޢަލީ ޖަލީލު.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވެސް މިއަދު އަމާންކަމާއެކީގައި އެ ތިއްބެވީ މޫސާ އަލީ ޖަލީލު ކުރެއްވެވި މަސައްކަތުންކަން ކަމަށެވެ. އެހެންކަމުން ޕާޓީ ރޫޙު ދޫކޮށްލައްވައި، ޤައުމީ ރޫހުގައި މާލެ ތަރައްޤީ ކުރުމަށް، މާލޭގެ ހުރިހާ ރައްޔިތުން މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450