ޚަބަރު
އިންޑޮނޭޝިއާގެ މޮލުކާ ކަނޑުގެ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް!
ބިންހެލުން އައި ސަރަޙައްދު/ފޮޓޯ: މެޓް
ރޭ ދަންވަރުގެ ވަޤުތެއްގައި އިންޑޮނޭޝިއާގެ މޮލުކާ ކަނޑުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު ރާއްޖެ ގަޑިން 03:48 ހާއިރު އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ މޮލުކާ ކަނޑުގެ ސަރަޙައްދަށް އައީ 7.4 މެގްނިޓިއުޑްގެ ބާރު ބިންހެލުމެއް ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގެ ވެރި ރަށް މާލެއާ 5865 ކިލޯމީޓަރު ދުރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ސީދާ ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އިންޑޮނޭޝިއާއަށް އައި މި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއެފެދޭ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވާއިރު، ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
މި ބިންހެލުމާއި ގުޅިގެން އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.