Ads by PNC

ޚަބަރު

ބޮޑުތަކުރުފާނުމަގު ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނުމަގު ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޮޑުތަކުރުފާނުމަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބައްލަވާލެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޭޕްރީލު 2026، 02:28

02 އޭޕްރީލު 2026، 02:28

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢަކީ ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އެ ފާލަން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި މުހިންމު މަޝްރޫޢެކެވެ. ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މާލޭގެ އުތުރުފަރާތުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެ ސަރަޙައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވައި، މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމިދިޔަ ރަމަޟާން މަސް ފެށެންވާއިރަށް އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލާފައެވެ. ދައުލަތުގެ ބަޖެޓުން 144 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ބަހާލާފައިވަނީ ޖުމްލަ 3 ސެގްމަންޓަކަށެވެ.

މި މަޝްރޫޢުގެ ދަށުން މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 830 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރާނެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަގުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އުޅަނދުތައް ދުއްވުމަށް 4 ލޭނުގެ އިތުރުން، ހިނގާ މީހުންނަށް ޚާއްސަ ފުޅާ ސަރަޙައްދެއް ހިމެނޭނެއެވެ.

ބޮޑުތަކުރުފާނުމަގުގެ މި ސަރަޙައްދަކީ މާލޭގެ އެންމެ ކާރުބާރުބޮޑު އަދި މާލޭގެ މަލަމަތި ފެންނަ މައި ސަރަޙައްދެވެ. މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރުގެ އިތުރުން ގިނަ އަދަދެއްގެ އޮފީސްތައްވެސް މި ސަރަޙައްދުގައި ހުރުމާއެކު، މަގު ތަރައްޤީވެ ނިމުމުން މި ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450