ކުޅިވަރު

އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

އުސްފަސްގަނޑުގައި ތަރައްޤީކުރީ ސްކޭޓް ޕާރކު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޭޕްރީލު 2026، 07:19

02 އޭޕްރީލު 2026، 07:19

މާލޭގެ އުސްފަސްގަނޑުގައި ސަރުކާރުން ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ މިއަދު ހުޅުވައިފިއެވެ. މި ސްކޭޓް ޕާރކް ރަސްމީކޮށް ހުޅުވާފައި ވަނީ، އެ ޕާރކުގައި ބޭއްވި ޚާއްޞަ ރައްމިއްޔާތެއްގައެވެ. 

ރާއްޖޭގައި މި ފަހުން ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ސްކޭޓުކުރުމަށް ޚާއްޞަ މި ޕާޚު ހުޅުވައިދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މި ރަސްމިއްޔާތަށް ވަޑައިގެންފައެވެ. އަދި ސްކޭޓް ޕާރކުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.

ސްކޭޓް ޕާރކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ.

ދާއިމީ ސްކޭޓިންގ އެރީނާއެއް ތަރައްޤީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްކޭޓުކުރާ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި ކުޅިވަރު ކުރިއެރުވުމަށް ސްކޭޓް މޯލްޑިވްސް ކިޔާ ޖަމްޢިއްޔާއަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ޖަމްޢިއްޔާގެ ރައީސްއަކީ މުހަންމަދު ހާނިމްއެވެ.

މި ސްކޭޓް ޕާރކާ ގުޅިގެން ކުރިން ހާނިމް ހާމަކޮށްފައިވާ ގޮތުގައި، މި ސްކޭޓް ޕާކާއެކު ސްކޭޓަރުން ތަމްރީނުކުރުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އެގޮތުން ޖާގަ ތަނަވަސްވެ، ކުދިންގެ ތަމްރީނުތައް އެތައް ގޮތަކުން ކުރިއަރާނެކަމަށް ހާނިމް ވިދާޅުވިއެވެ. 

އަދި ކުރިން ސްކޭޓް ކުރުމަށް ތަމްރީނު ކުރަމުން ދިޔައީ އުސްފަސްގަނޑުގައިކަމަށް ވިޔަސް، އޭރު އެއީ ސްކޭޓިން ޕްރެކްޓިސްއަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށާ، މޫސުމާ ގުޅިގެންވެސް ޕްރެކްޓިސްތަކަށް ބުރޫއަރާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މިއީ ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450