Ads by Farudhun

ޚަބަރު

2021ވަނަ އަހަރު އޭރުގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައިފި

2021ވަނަ އަހަރު އޭރުގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައިފި

ސުކޫކު ދެއްކުމަށް 2023ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޭޕްރީލު 2026، 08:57

02 އޭޕްރީލު 2026، 08:57

2021ވަނަ އަހަރު އޭރުގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު، ރާއްޖޭގެ އިޤުތިޞާދަށާއި މާލިއްޔާއަށް ބުރަބޮޑުނުވާގޮތަށް މި ސަރުކާރުން އަނބުރާ ދައްކައި، ޚަލާސްކޮށްފިއެވެ.

މާލީކަންކަމާއި ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފައިސާ ދެއްކުމަށް ބޭނުންކުރީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަދި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ކަމަށެވެ. ސަރުކާރުން މި ފައިސާ ދައްކާފައި ވަނީ، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއިއެކު، ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. 

މި ސުކޫކަކީ، ރައީސް އަބްދުالله ޔާމީން ވެރިކަމުގައި ހުންނެވިއިރު ނެންނެގި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ނެންގެވި ބޮންޑެކެވެ. މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2021ވަނަ އަހަރު މި ބޮންޑު ނެންގެވީ، އޭރުގެ ސަރުކާރުން މި ބޮންޑު އަދާކުރާނެ ސިޔާސަތެއް ނެތިއެވެ. އަދި މި ބޮންޑު ނަންގަވާފައި ވަނީ އޭރު މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑު އަގެއްގައިކަން މާލީ ވުޒާރާއިން ހާމަކުރެއެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މި ފައިސާ ދެއްކުމަށް ބޯމަތިވަމުން ދިއުމާއެކު، ސަރުކާރުން މަސައްކަތް ކުރަމުން އައީ ރާއްޖޭގެ އިޤުތިޞާދަށާއި މާލިއްޔާއަށް ބުރަބޮޑުނުވާގޮތަށް މި ފައިސާ އަނބުރާ ދެއްކުމަށެވެ. އެގޮތުން 2023ވަނަ އަހަރުން ފެށިގެން މިކަން ހާސިލްކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ.

އެގޮތުން މިކަމަށް ލިބުނު އެންމެ ބޮޑު ލުޔަކީ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުންކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، އެއާރޕޯޓު ތަރައްޤީ ކުރުމަށް އެސްޑީއެފްއަށް ނަގަމުން އަންނަ ފީ 2024 ވަނަ އަހަރު ބޮޑުކުރުމަކީ ވެސް މިކަން އިތުރަށް ފަސޭހަވެގެން ދިޔަ ކަމެކެވެ. ނަމަވެސް މި ފީ ނަގާފައި ވަނީ ދިވެހިންނަށް މިކަމުގެ އަސަރު ނުކުރާ ގޮތަށްކަމަށް ސަރުކާރުން ހާމަކުރެއެވެ.

އަދި މިކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޑީއެފްގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެން ދިޔަކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވިއެވެ. މިއީ ރާއްޖޭގެ ތާރީޙުގައި ދައުލަތުގެ ރިޒާވް މިހާމައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450