ޚަބަރު
މާދަމާގެ ވޯޓަކީ ގައުމީ ވިސްނުމުގައި ދޭންޖެހޭ ވޯޓެއް، އިގްތިސާދު ސަލާމަތްކޮށްފިން: ރައީސް ޑރ. މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުންލާ ވޯޓަކީ ގައުމީ ވިސްނުމެއްގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމާ މުހިންމު ނިންމުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ،ޕީއެންސީ ކެމްޕޭން ނިންމާލުމަށް ބޭއްވި ހިނގާލުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ހަމައެކަނި ގަލަމަކުން އޮހޭ ދެލިކޮޅެއް ނޫން ކަމަށާއި، އެއީ އަންނާން އޮތް ޖީލުތަކަށްޓަކައި ޒިންމާދާރުކަމާއެކު ނިންމަންޖެހޭ ބޮޑު ނިންމުމެއް ކަމަށެވެ.
އަތަށް އަންނަ ވޯޓު ކަރުދާސްތަކުގައި އަޅުގަނޑުމެން ޖަހާ ފާހަގަތަކަކީ ހަމައެކަނި އެ ގަލަމުގެ ކުރިން އަންނަ ދެލިކޮޅެއް ނޫން. އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާކުރުމަށްޓަކައި ޖަހާ ފާހަގައެއް، ނިންމާ ނިންމުމެއް. އަންނާން އޮތް ޖީލުތަކުން އަޅުގަނޑުމެންނާ ސުވާލުކުރާނެ ނިންމުމެއް،
ރައީސް
ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނުރައްކާތެރި ހާލަތެއްގައި އޮތް ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދަނީ ގައުމީ ފިކުރުގައި ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުން މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާނެ ކަންކަމަށް ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު، މި ސަރުކާރުން މިހާރު ދައްކާ ހަލާސްކޮށްފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ފައިސާ ދައްކާފައިވަނީ ގައުމު ދަރުވާނުލައި، ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް އަދި އެއްވެސް ފައިސާފޮއްޗެއް ޗާޕުނުކޮށެވެ. މީގެ އިތުރުން، ގައުމީ ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ހުސް ވާހަކަ ދައްކާ މީހެއް ނޫން، މި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ. ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން،" އަމަލީ ނަތީޖާއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ސުކޫކު ދައްކާ ނިންމުމާއެކު، ކުރީ ސަރުކާރުން ރަހުނުކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ފިނޭންސް މިނިސްޓްރީގެ އިމާރާތް މިހާރު މިނިވަންވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ގައުމީ ވިސްނުމުގައި ނުކުމެ، އެންމެން އަތުކުރި އޮޅާލައިގެން މާދަމާގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް (ދޫނިތަކަށް) ވޯޓު ދިނުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.