ޚަބަރު
ކުޅިވަރަކީ ގައުމީ އެއްބައިވަންތަކަމާއި ތަރައްގީގެ މުހިންމު ބަހާއެއް: ރައީސުލްޖުމްހޫރިއްޔާ
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ފޮޓޯ: ރައީސް އޮފީސް
ތަރައްގީ އާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ މެސެޖެއް ދެއްވާފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތި، އިންސާނުން ގުޅުވައިދޭ ވަރުގަދަ ބާރެއް ކަމަށެވެ. އަދި ކުޅިވަރަކީ ދިވެހިންގެ ގައުމީ އައިޑެންޓިޓީގެ މުހިންމު ތަނބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
The International Day of Sport for Development and Peace reinforces a simple yet a profound truth, that sports transcend boundaries. Sports is a key pillar of our national identity, a catalyst for youth empowerment, and a unifying force that strengthens social cohesion. By… pic.twitter.com/wP5J4uXyb8
— Dr Mohamed Muizzu (@MMuizzu) April 6, 2026
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަދަބު އަޚުލާގާއި، ކެތްތެރިކަމާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުން ފަދަ މާތް ސިފަތައް އަށަގަންނުވައިދެއެވެ. މިއީ ދުޅަހެޔޮ އަދި އަމާޒެއް އޮތް ދިރިއުޅުމަކަށް މަގުދައްކައިދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، އޭގެ ޒަރީއާއިން ގައުމީ ތަރައްގީއަށް މަގުފަހިކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ކުޅިވަރު ކުރިއެރުވުމަކީ ދުޅަހެޔޮ ގައުމެއް ބިނާކުރުމަށާއި، އިގްތިސާދީ ކުރިއެރުމަށާއި، އަދި އެންމެން ގުޅިގެން ވަރުގަދަ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުޅިވަރުގެ ބާރުގެ ބޭނުން ހިފައިގެން ގައުމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމަށާއި، ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.