ޚަބަރު
އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމާގުޅިގެން އާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ)
ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޙްމަދު އާދަމް އަވަހާރަވުމުގެ ހިތާމައިގައި އެ މަރްޙޫމްގެ އާއިލާއަށާއި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މި ޚަބަރު ލިބިވަޑައިގަތީ ނުހަނު ފުން ހިތާމަޔާއެކުކަން ފާހަގަކުރެއްވިއެވެ.
ޕީޓްރަލް އަޙްމަދުބެއަކީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް އޭނާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ވެދެއްވި ބޮޑެތި އެހީތަކާއި، ހަތްދިހައިގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ކުރެއްވިކަން ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ވިޔަފާރީގެ ދާއިރާއިން ބަލާއިރު، މާލެއަށް މަޝްހޫރުވި 'ގުރާބުތުނޑި ހޮޓަލަށް' ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ 'ހޮޓެލް ޕީޓްރަލް' އުފެއްދެވީ އަޙްމަދު އާދަމްއެވެ. އަދި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވުމުގައި އޭނާ ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.