ކުޅިވަރު
ބައިނަލްއަޤުވާމީ ގޮތުން ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސައިންސުގެ ހޯދުންތަކާއެކު: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
07 އޭޕްރީލު 2026، 10:55
07 އޭޕްރީލު 2026، 10:55
ބައިނަލްއަޤުވާމީ ގޮތުން ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސައިންސުގެ ހޯދުންތަކާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ޚިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސައިންސުގެ ހޯދުންތަކާއެކު ބައިނަލްއަޤުވާމީ ގޮތުން ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދާނީ ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި، "ވަން ހެލްތު" ފަދަ އިސްނެގުންތަކަކީ ސައިންސުގެ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކަކަށް ވާންޖެހޭކަމަށެވެ.
މި މޭރުމުން އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ޞިއްޙީ ސިޔާސަތުތަކާއި އެޅޭ ފިޔަވަޅުތަކަކީ ކަށަވަރުވެފައިވާ ސައިންސުގެ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ޞިއްޙީ ދިރާސާތަކަށް ކުރާ ހޭދަ އިތުރުކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި އޮންނަ ގުޅުންތައް މިހާރަށްވުރެ ވަރުގަދަކުރުން މުހިންމު ކަމުގައެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ. އެއާއެކު ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކޮށް، ޞިއްޙީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހަދައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ބަލިތައް އަވަހަށް ދެނެގަތުމަށް ބާރުއަޅައި، އަދި ފައިދާހުރި ފަރުވާގެ ޚިދުމަތްތައް ކަށަވަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
This World Health Day, let us reaffirm the importance of scientific collaboration in protecting global health. Science-led approaches must drive the One Health initiative, with greater investment in medical research and stronger multilateral cooperation to ensure that health…
— Dr Mohamed Muizzu (@MMuizzu) April 7, 2026
އަދި މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރު ކަމުގައިވާ، "ޞިއްޙަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް" ޝިޢާރުގެ ދަށުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައިވަނީ ގޮވާލައްވާފައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އުފެދުނު މުނާސަބަތާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކޮންމެ އަހަރަކުވެސް ވަކި ޚާއްޞަ ޞިއްޙީ މައުޟޫއަކަށް އާންމުން ހޭލުންތެރިކުރުވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ގޮންޖެހުންތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމެވެ. މީގެ އިތުރުން މިއީ އެންމެހައި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމަށާއި، އެންމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުތަކާއި އިދާރާތަކުން ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް ފާހަގަކުރާ ދުވަހެކެވެ.