ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މުޙައްމަދު ޙުސައިން ޝަރީފް އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މުޙައްމަދު ޙުސައިން ޝަރީފް އައްޔަންކުރެއްވުން---
ފަރުދުން
15 އޭޕްރީލު 2026، 09:50
15 އޭޕްރީލު 2026، 09:50
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް އައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޙުސެއިން ޝަރީފް އެ މަޤާމަށް މި އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި އަލްފާޟިލާ ޙީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 ން 2008 އަށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މުޙައްމަދު ޙުސައިން ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.