ޚަބަރު
ރާއްޖޭގެ ސަރަޙައްދުތަކާ ބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް ޚާއްޞަ އޮފީހެއް ޤާއިމްކޮށްފި
ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތް---
ފަރުދުން
16 އޭޕްރީލު 2026، 11:02
16 އޭޕްރީލު 2026، 11:02
ރާއްޖޭގެ ސަރަޙައްދުތަކާ ބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް ޚާއްޞަކޮށް، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފައްދަވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރެއްވި އޮފީހެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މި އޮފީހުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މި އަހަރުގެ ރިޔާސީބަޔާން އިއްވެވިއިރުއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަޤުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.