Ads by Farudhun

ޚަބަރު

އިދިކޮޅު ފިކުރުގެ މީހެއް ވިޔަސް ޚިދުމަތް ދިނުމުގައި ހަމަހަމަވާންޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ

އިދިކޮޅު ފިކުރުގެ މީހެއް ވިޔަސް ޚިދުމަތް ދިނުމުގައި ހަމަހަމަވާންޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ރަސްދޫގައި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ---

farudhun logo

ފަރުދުން

19 އޭޕްރީލު 2026، 06:46

19 އޭޕްރީލު 2026، 06:46

ސަރުކާރާ އިދިކޮޅު ފިކުރުގެ މީހެއް ވިޔަސް ޚިދުމަތް ދިނުމުގައި ހަމަހަމަވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ ރަސްދޫ އާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހޮވުމަށް ބޭއްވި އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިޚާބުވި ކެނޑިޑޭޓުންނާ މުހާތަބުކޮށް ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވިދާޅުވީ، އެ ޕާޓީގެ ކެނޑިޑޭޓުންގެ ވިސްނުމަކަށް ވާންވާނީ މަޤާމާއި ހަވާލުވާ ދުވަހުން ފެށިގެން ޒިންމާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާސްތެރިވުމަށް ކަމުގައެވެ.

އަދި އިންތިޚާބުގައި އެ ކެނޑިޑޭޓަކަށް ތާއީދުކުރި މީހެކޭ ނުކުރާ މީހެކޭ ތަފާތުކޮށްގެން ނުވާނެކަމަށާއި، ހަމަހަމަކަންމަތީ ރައްޔިތުންނަށް ޚިދުމަތްދީ، ރިވެތި މިސާލު ދެއްކެވުމަށް އެ މަނިކުފާނު ވަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މުޅިރާއްޖެއިން އެކިއެކި މަޤާމުތަކަށް އިންތިޚާބުވި ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ކޮންގްރެސް ޕާޓީން ހޮވުނު ކެނޑިޑޭޓުންގެ ވިސްނުމަކަށް ވާންވާނީ، މި މަޤާމާއި ހަވާލުވާ ދުވަހުން ފެށިގެން، ފުރަތަމަ މިނެޓުން ފެށިގެން ވެސް މި ޒިންމާ އަދާކުރުމުގައި ތެދުވެރިވާން، އަމާނާތްތެރިވާން، އިޚްލާސްތެރިވާން. ތިމަންނާއަށް ވޯޓުދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކުރުމެއް ނޯންނާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަން ޖެހޭނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވުނު ނަމަވެސް ސިޓީތައް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ދާއިރާތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ހުރިހާ ސިޓީތަކުންވެސް ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދިޔައީ އަޅުގަނޑުމެން. ހަމައެއާއެކީގައި މުޅިރާއްޖެއިންވެސް ވަރަށް ބޮޑު ނާކާމިޔާބީއެއް ރެފެރެންޑަމް ވޯޓުގައި ލިބިގެންދިޔަ. އެހެންވީމަ ނާކާމިޔާބީވެސް ހިމެނޭ، އަދި ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީވެސް ހިމެނޭ އިންތިޚާބެއް ނިމިގެން މިދިޔައީ. އެހެންވީމަ ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން. މި ދާއިރާގެ ތަރައްޤީއަށްޓަކާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް. ހަމަކޮންމެ ރަށެއްގެ ތަރައްޤީވެސް އެގޮތަށް ބާރަށް ކުރިއަށްގެންދާނަން.

ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާ، ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450