ޚަބަރު
ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުނަސް ވަޢުދުތައް ފުއްދުމުގައި މަޑުޖެހުމެއް ނާންނާނެ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ރަސްދޫގައި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ---
ފަރުދުން
19 އޭޕްރީލު 2026، 07:32
19 އޭޕްރީލު 2026، 07:32
ކައުންސިލްތަކުން އެ ރަށެއްގައި ސަރުކާރުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުދިނަސް، ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާވެ ވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި މަޑުޖެހުމެއް ނައިސް ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ ރަސްދޫ އާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހޮވުމަށް ބޭއްވި އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޕާޓީއަކުން މަޤާމަކަށް އިންތިޚާބުވި ނަމަވެސް އިސްކުރައްވާނީ ދީނާއި، ޤައުމުގެ މަސްލަހަތުކަމަށެވެ. އަދި ކޮންގްރެސް ޕާޓީއަކީ އަބަދުވެސް ޤައުމާއި ދީން އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއަކަށްވާއިރު، އިންތިޚާބުގެ ނަތީޖާ ބުރަވާގޮތުން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވެސް ވިސްނުންހުރީ ޤައުމާއި ދީން އިސްކުރުމުގެ ވިސްނުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި ސީޓީތަކުން ކާމިޔާބު ނުލިބުނަސް ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބުކޮށް އަދި މަޤާމުތަކާ ހަވާލުނުވެވެނީސް އެހެން ޕާޓީތަކުން އިންތިޚާބުވި ބައެއް ކެނޑިޑޭޓުން މަގުތަކަށް ނިކުމުގެ ހަޑި ހުރުތުބަސްތައް ބޭނުންކޮށް، ދީނީ މިންގަނޑުން ބޭރުން އަޚުލާގީ ފެންވަރުދައް އަމަލުތައް ހިންގައި މަގުމަތި ހަލަބޮލިކުރަމުންދާތީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވޯޓުދެނީ މަސައްކަތާ ހަވާލުވާ ހިސާބުން ފެށިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަށާއި ނަމޫނާ ބަޔަކަށް އެ މަންދޫބުން ވާނެކަމުގެ އުންމީދުގައިކަމަށެވެ.
މިހާރު މިފެންނަ މަންޒަރުން މާލޭ ސިޓީ ކައުންސިލުން މި އެއްބާރުލުން ލިބޭނެތަނެއް ނުފެނޭ. އަދި ނުވޭ ހަފްތާއެއް މިހާރު މަގުމަތީގައި އެއުޅެމުންދާ ގޮތް އެފެންނަނީ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން އެންމެ ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް ރައްޔިތުންވެސް ޤައުމު އިސްކުރުމަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ ކައުންސިލްތަކުން ރައްޔިތުންގެ ހައްޤުގައި ކުރާ ކަންކަމަށް އެއްބާރުލުން ދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންގެ ވިސްނުމަކަށް ވާންވާނީ މަޤާމާއި ހަވާލުވާ ދުވަހުން ފެށިގެން ޒިންމާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާސްތެރިވުމަށްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގައި އެ ކެނޑިޑޭޓަކަށް ތާއީދުކުރި މީހެކޭ ނުކުރާ މީހެކޭ ތަފާތުކޮށްގެން ނުވާނެކަމަށާއި، ހަމަހަމަކަންމަތީ ރައްޔިތުންނަށް ޚިދުމަތްދީ، ރިވެތި މިސާލު ދެއްކެވުމަށް އެ މަނިކުފާނު ވަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މުޅިރާއްޖެއިން އެކިއެކި މަޤާމުތަކަށް އިންތިޚާބުވި ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.