ޚަބަރު
ކާމިޔާބާއި ނާކާމިޔާބީގައި ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވާނެކަމަށް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ރަސްދޫގައި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ---
ފަރުދުން
19 އޭޕްރީލު 2026، 09:46
19 އޭޕްރީލު 2026، 09:46
ކާމިޔާބާއި ނާކާމިޔާބީގައި ވެސް ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާ، ޚިދުމަތް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ ރަސްދޫ އާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހޮވުމަށް ބޭއްވި އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވުނު ނަމަވެސް ސިޓީތައް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ދާއިރާތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ ސިޓީތަކުންވެސް ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދިޔައީ އަޅުގަނޑުމެން. ހަމައެއާއެކީގައި މުޅިރާއްޖެއިންވެސް ވަރަށް ބޮޑު ނާކާމިޔާބީއެއް ރެފެރެންޑަމް ވޯޓުގައި ލިބިގެންދިޔަ. އެހެންވީމަ ނާކާމިޔާބީވެސް ހިމެނޭ، އަދި ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީވެސް ހިމެނޭ އިންތިޚާބެއް ނިމިގެން މިދިޔައީ. އެހެންވީމަ ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން. މި ދާއިރާގެ ތަރައްޤީއަށްޓަކާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް. ހަމަކޮންމެ ރަށެއްގެ ތަރައްޤީވެސް އެގޮތަށް ބާރަށް ކުރިއަށްގެންދާނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަކީ ރައްޔިތުން ޙަވާލުކުރާ އަމާނާތެއްކަމަށާއި އެއީ މަތިވެރި ޒިންމާއެއްކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޕީއެންސީގެ ފަރާތުން އިންތިޚާބު ވެވަޑައިގެންނެވި މެންބަރުން، މަޤާމުގެ ޒިންމާ އަދާކުރެއްވުމުގައި ތެދުވެރިވެ އަމާނާތްތެރިވެ، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ހަވާލުވެވުނު ޒިންމާ އަދާކުރުމުގައި އިޙްލާސްތެރިވާންޖެހޭނެ. އަމާނާތްތެރިވާންޖެހޭނެ. ތިމަންނާއަށް ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަންޖެހޭނެ. އެކުވެރިކަމާއެކުގައި ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކީގައި ކުރެވިއްޖެނަމަ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ ހުރިހާ އިންތިޚާބީ ކެންޑިޑޭޓުން ކުރައްވާނެ އެކަންތައްތައް، ކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި.
ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވުނު ނަމަވެސް ސިޓީތައް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ދާއިރާތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށެވެ.