Ads by Farudhun

ޚަބަރު

މިއަދުގެ މަޝްވަރާތަކުން ނަތީޖާ ނެރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

މިއަދުގެ މަޝްވަރާތަކުން ނަތީޖާ ނެރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ސްރީލަންކާގެ ރައީސްގެ ރަސްމީ އޮފީހުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

04 މޭ 2026، 07:21

04 މޭ 2026، 07:21

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ އެންމެ މުހިންމު ހަރަކާތެއްގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި މިއަދު ބޭއްވުނު މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެފަދަ އުއްމީދީ މަޝްވަރާތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެ މަނިކުފާނު އިއްޔެ ފެއްޓެވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއަދު ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ، ނަތީޖާ ނެރެވޭނެ ފަދަ އުއްމީދީ ބައްދަލުވުންތަކެއްކަމަށެވެ. އެގޮތުން  މި ބައްދަލުވުންތަކުގައި ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމް، ޒުވާނުން، ޞިއްޙަތު، މަސްވެރިކަން، ސަލާމަތީ ކަންކަން އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ބައްދަލުވުންތަކާ ގުޅިގެން މިހާރުގެ އެންމެ ބޮޑު އަމާޒަކީ، މި މަސައްކަތްތަކުގެ ހަޤީޤީ ފައިދާއާއި މަންފާ ދެ ޤައުމުގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި އެ މަނިކުފާނު ވަނީ، އެ މަނިކުފާނު އެ ޤައުމަށް ފައިބާވަޑައިގެންނެވި ވަގުތުން ފެށިގެން އެ މަނިކުފާނާއި ރާއްޖޭގެ ވަފުދަށް ސްރީލަންކާއިން ދެންނެވި ހޫނު މަރުޙަބާ އާއި ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެކި ދާއިރާތަކުން 7 ފަހުމުނާމާއެއްގައި ވެސް ސޮއިކޮށްފައެވެ. އޭގެތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު، އަރުޝީފީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން، ޞިއްޙީ ދާއިރާ، ދިފާޢީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުން އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގަ އާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން އެއްބަސްވުންތަކަކަށް އާދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450