ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވަވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
04 މޭ 2026، 10:57
04 މޭ 2026، 10:57
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ.
މި ޖާފަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، ރާއްޖޭގެ ވަފުދަށް ސްރީލަންކާއިން ދެންނެވި ހޫނު މަރުޙަބާ އާއި ބަހައްޓަވާ ފުރިހަމަ މެހެމާންދާރީއަށްޓަކައި ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ދުވަސްވީ، ގާތް އެކުވެރި ގުޅުމެއް ކަމަށާއި، އެ ގުޅުން ބިނާވެފައި ވަނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާ އާއި، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި ޤާއިމްވެފައި އޮތް ގުޅުންތަކުގެ މައްޗަށް ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އުފާވެރި މުނާސަބަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރެއްވޭކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު މި ބައްދަލުކުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތައުލީމީ ދާއިރާ އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހާއްސަކޮށް މޫސުމީ ބަދަލުތައް ފަދަ ދެ ގައުމަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، އެކަންކަމުގައި ގުޅިގެން ވަކާލާތުކުރުމާއި އިޖާދީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިރޭ އޮތް ރަސްމީ ޖާވަތުގަ ރާއްޖޭގެ ވަފުދުގައި ހިމެނޭ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.