ޚަބަރު
ރާއްޖެ އޮތީ މުސްތަޤުބަލު ބައްޓަންކުރާނެ މާނަހުރި ގުޅުންތަކެއް ޤާއިމުކުރުމަށް ތައްޔާރަށް: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އޮތީ މުސްތަގުބަލު ބައްޓަންކުރާނެ މާނަހުރި ގުޅުންތަކެއް ޤާއިމުކުރުމަށް ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިއަދު ދިވެހިރާއްޖެ މިވަނީ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު މަރުހަލާއެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ކުރިއަރަމުން އަންނަ، ހިތްވަރުގަދަ އަސާސެއްގެ މައްޗަށް ބިނާވެ، ތަރައްޤީ އާއި ތަނަވަސްކަމުގެ މުސްތަގުބަލަކަށް ކެރިގެން ބަލަމުންދާ ޤައުމެއް ކަމަށެވެ.
އަދި ރާއްޖޭގެ ޤައުމީ ތަރައްޤީގެ ބްލޫޕްރިންޓް، "ވިޝަން 2040" މެދުވެރިކޮށް، ރާއްޖެ މި މިސްރާބު ކުރަނީ ފުރިހަމައަށް ތަރައްޤީވެފައިވާ، އެންމެން ބައިވެރިވާ، އަދި ދެމެހެއްޓެނިވި ޤައުމަކަށްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ތަޞައްވުރަކީ ހަމައެކަނި ދުރު ހުވަފެނެއް ނޫން ކަމަށާއި މިއީ ރާއްޖެއިން ނިންމާ ކޮންމެ ސިޔާސީ ނިންމުމެއްގެ ފަހަތުގައިވާ އިސްތިރާތީޖީ އިލްތިޒާމެއް ކަމަށެވެ.
އަދި މިކަމުގެ އަސާސަކީ ތަރައްޤީއަކީ އިންސާނުންނަށް އިސްކަންދޭ، ޓެކްނޮލޮޖީގެ އެހީތެރިކަން ލިބޭ، އަދި ތިމާވެއްޓާ ރައްޓެހި ކަމަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުގެ ސަރުކާރުން ދަނީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށާއި، އިންވެސްޓްމަންޓްތަކަށް ހިތްވަރު ދިނުމަށާއި، އަދި ވިޔަފާރިވެރިން ބާރުވެރިކުރުވުމަށްޓަކައި ހަރުދަނާ އަދި އުންމީދީ އިސްލާހީ ޕްރޮގްރާމެއް ކުރިއަށް ގެންދަމުން، އަޅުގަނޑުމެން ވާނީ 40 އަހަރުވީ ނިޒާމެއްގެ ބަދަލުގައި ޒަމާނީ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ސާފު، ލަފާކުރެވޭ، އަދި ދެފުށް ފެންނަ ގޮތަކަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަރމަންޓްތައް މުރާޖައާކޮށްފަ، މި އިސްލާހުތަކުން ބަލައިގަންނަނީ އަޅުގަނޑުމެން ހިފަހައްޓަންޖެހޭ ނާޒުކު ބެލެންސެއް.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ އެކަމަކީ ދިވެހި ވިޔަފާރިތައް ފައްކާވެފައިވާ އަދި ރައްކާތެރިކުރަންޖެހޭ ދާއިރާތައް ހިމާޔަތްކުރުމާއެކު، ޤައުމީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ދާއިރާތަކުން ބޭރުގެ ރައުސްމާލާއި، ތަޖުރިބާއާއި، ޓެކްނޮލޮޖީއަށް ދޮރުތައް ހުޅުވާލުން ކަމަށެވެ.
ހަމައެއާއެކު، ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުތަކުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި، އޭގެ ތެރޭގައި "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގެ ދަށުން ބޮޑެތި އިންވެސްޓްމަންޓްތައް ބަލައިގަތުން ހިމެނުމަކީ، ދިވެހިރާއްޖެ ތަރައްޤީގެ ދެން އޮތް މަރުހަލާއަށް ގެންދިއުމަށް ރާއްޖެ ތައްޔާރަށް ތިބިކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ފުރިހަމަ އިތުބާރާއެކު ދަންނަވަނީ، ރާއްޖެ އޮތީ ހުޅުވާލެވިފައި ކަމަށާއި، އަޅުގަނޑުމެންގެ މުސްތަގުބަލު ބައްޓަންކުރާނެ މާނަހުރި ގުޅުންތަކެއް ގާއިމުކުރުމަށް ތައްޔާރަށް ކަމަށް. އަޅުގަނޑުމެން މި އެދޭ ބަދަލަކީ ހަމައެކަނި ގައުމުގެ އެތެރެއަށް އަމާޒުކުރާ ބަދަލެއް ނޫން، އަޅުގަނޑުމެން އެދެނީ މިއަދު މިތަނަށް އެއްވެ ތިއްބެވި އަޅުގަނޑުމެންގެ އަވަށްޓެރިންނާއި ބައިނަލްއަގުވާމީ ބައިވެރިން، އިންޑިއާ ކަނޑުގެ ސަރަހައްދަކީ އިތުރަށް ގުޅިފައިވާ، ތަނަވަސް އަދި ކަންކަމަށް ބަރޯސާވެވޭ ސަރަހައްދަކަށް ހެދުމުގައި އަޅުގަނޑުމެންނާ ބައިވެރިވުމަށް.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ސްރީލަންކާގެ ގާތްކަމާއި، ޤާބިލުކަމާއި، ދިވެހި ބާޒާރަށް އޮތް ޒަމާންވީ ފަރިތަކަމުގެ ސަބަބުން، މި ދަތުރުގައި އެ ޤައުމަކީ މުހިންމު ބައިވެރިއަކަށް ވެގެންދާ ކަމަށެވެ.
ލަންކާގެ ވިޔަފާރިތަކުން މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، ޚިދުމަތުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އަދި ލަންކާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ކުންފުނިތަކަށް ދަންނަވާލަން އޮތީ، މި ސަރަޙައްދުގައި ތިއްބެވުމަކީ ރާއްޖޭގައި ފައިދާހުރި ފުރުސަތުތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމަށް ރަޢީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާތައް ކުރިއެރުވުމުގައާއި، ޑިޖިޓަލް އިނޮވޭޝަނާއި ކާނާގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ރާއްޖެއާއި އެކު ބައިވެރިވުމަށް ސްރީލަންކާގެ ވިޔަފާރިތަަކަށް ދަޢުވަތު ދެއްވައިފައެވެ.