ޚަބަރު
ސިފައިންނަށް އާއިލާއާ ކައިރީގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ގަސްތުކުރަން: ރައީސް
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
09 މޭ 2026، 11:31
09 މޭ 2026، 11:31
ސިފައިންނަށް އެ މީހެއްގެ އާއިލާގެ ކައިރިއަށް ގިނަގިނައިން ޒިޔާރަތް ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، އެ މީހެއްގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރިން އޮންނަ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ގޮތަށް ފުރުސަތު ފަހިކޮށްދިނުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޖޯގްރަފީ އޮންނަ ގޮތުން އެކި ހިސާބުތަކުގައި އޭރިއާ ކޮމާންޑުތައް ހެދިފައިވާ ކަމަށާއި، މި ތަންތަން އުމުރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ބައެއްގެ ގޮތުގައި ހިމަނައިގެން އެ ތަންތަނުގައި ޤައިމްވެ ތިބޭ އޮފިސަރުން އިތުރުކުރުމަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން، އެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރީގައި އޮންނަ އޭރިއާ ކޮމާންޑެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގަސްތުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިފައިންގެ ޢާއިލާތައް ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމްކޮށްދިނުމަށް ގަސްތުކުރަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިކަން ހަމަޖެހި މިގޮތަށް ޢަމަލުކުރަން ފެށުމުން، އާއިލާތަކާ ކައިރިން ޚިދުމަތްކުރުމުގެ ފުރުސަތު ސިފައިންނަށް ލިބޭނެކަމަށާއި، މިއީ ދާއިމީ ފުރުސަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އަދި މި ކަމަކީ ކުރިން ވިސްނާފައި އޮތް ކަމެއްކަމުން، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސިފައިންގެ ފައުޖަށް ޒުވާނުން އިތުރުކުރުމަށް ބަޖެޓު ހަމަޖައްސަވާފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ބަދަލުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށާއި، މިކަމުގެ ފައިދާ އަމިއްލަ ނަފްސަށާއި ޤައުމަށް ލިބިގެން ދާނެކަމަށެވެ.