ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ދެ އަތޮޅަކަށް ހުދު ސަމާލު
ކަނޑު ގަދަ ދުވަހެއް/ފޮޓޯ: ބްރޭކިންގ އެމްވީ
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ދެކުނުގެ ދެ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހެނދުނުން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވާޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for strong winds and rough seas. pic.twitter.com/6RE1nBx6qk
— Maldives Meteorology (@MetMaldives) May 10, 2026
ކުރިޔަށް އޮތް ދުވަސްތަކުގައި ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.