ޚަބަރު
ކޯޓު އަމުރާ ގަސްތުގައި ހިލާފުވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ: ރައީސް އޮފީސް
ފަރުދުން
11 މޭ 2026، 01:58
11 މޭ 2026، 01:58
އޮންލައިން ނޫސް "އަދަދު" އިން ނެރުނު ވީޑިޔޯއަކާ ގުޅިގެން ކުރިއަށްދާ ޖިނާއީ ތަހުގީގަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގަސްތުގައި ހިލާފުވުމުން، އެ ނޫހުގެ ނޫސްވެރިޔާ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނެރެފިއެވެ.
މި މައްސަލައަކީ "އަދަދު" ނޫހުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާ އުފުލިފައިވާ މައްސަލައަކަށްވާއިރު، އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލާގައި ހިމެނޭ ވީޑިޔޯ ފެތުރުމާއި އޭގައި ހުރި ވާހަކަތައް އާންމުކޮށް ދެއްކުން ޖުމްލަ ގޮތެއްގައި މަނާކޮށްފައެވެ. ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިޔާ ވަނީ ކޯޓު އަމުރަށް ގޮންޖަހައި، އެ ތުހުމަތުތަކާ ގުޅޭގޮތުން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސުވާލުކޮށްފައެވެ.
މި ހާލަތުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެންދިޔައީ އާދަޔާ ހިލާފު ކެތްތެރިކަމެކެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަޅުވަމުން ދިޔައިރުވެސް، ޖަވާބު ދެއްވީ މަޑުމައިތިރިކަމާއެކު ގާނޫނީ ސިޔާދަތު ނެގެހެއްޓެވުމުގެ ރޫހުގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހެދިފައި ހުންނަ ގާނޫނުތަކަށާއި، އިސްލާމުދީނަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ އޮފީހުގެ ތެރޭގައި ކޯޓު އަމުރަކާ ހިލާފުވުމުގެ ފުރުސަތު ނުދެއްވާނެކަން ރައީސް ސާބިތުކޮށްދެއްވިއެވެ. އެއާއެކު، އަދަދު ނޫހުގެ ނޫސްވެރިޔާ އަރިހުން މާލަން ދޫކޮށް ދިއުމަށް ރައީސް އެދިވަޑައިގަތެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ މިގައުމަށްވުރެ ފުޅާކޮށް އެ މިނިވަންކަން (ނޫސްވެރިކަމުގެ މިނިވަންކަން) އޮތް ގައުމެއް އޮންނާނެހެނެއްވެސް. އެހެންނަމަވެސް މި ގައުމުގެ ހަގީގަތަކީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގެ ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ މި ސަރުކާރުން ރޫލް އޮފް ލޯ ހިފަހައްޓާނެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރަންޖެހޭނީ،" ރައީސް ވ
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އިސްލާމްދީނާ ހިލާފު ކަންކަމާއި ގާނޫނުއަސާސީން ހުއްދަނުކުރާ ކަންކަން ކުރުމުގެ ޖާގައެއް ނޯންނާނެއެވެ. އަދި ނޫސްވެރިކަމުގެ ފާހަކީ މީހުންގެ އަބުރަށް އަރައިގަތުމަށް އޮތް "ލައިސެންސެއް" ނޫންކަމަށާއި، މުސްލިމަކަށްވީތީ އެފަދަ ހުއްދައެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދަދު" ނޫހަކީ މީގެ ކުރިންވެސް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދޮގާއި މަކަރާއި ފިތުނަ ފެތުރުމުގެ ރެކޯޑެއް އޮތް ނޫހެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނަށާއި އާންމުންނަށް ބަސްބުނުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އެއްވެސް ނޫސްވެރިއަކާ މެދު ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅު ކަތިލުމަށް ހިންގާ މިފަދަ އަމަލުތަކަކީ މުޅި ދައުލަތުގެ ކަރާމާތަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން އަދި ގިނަރައްޔިތުން ސިފަކުރެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ހަގީގަތާ ހިލާފު ދޮގު ޚަބަރު ފެތުރުމަކީ ގައުމުގެ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމެކެވެ. ރައީސް ޑރ. މުއިއްޒަކީ އެމަނިކުފާނުގެ ދީންވެރިކަމާއި ހުލްގު ހެޔޮކަމުގެ ސަބަބުން ރައްޔިތުންގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާއިރު، މިފަދަ ދަށު ދަރަޖައިގެ ތުހުމަތުތައް އެޅުވުމަކީ އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ރައްޔިތުންނަކަށް ލިބޭ ބޮޑު ދެރައެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.