ޚަބަރު
މި ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް ޑރ. މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަކީ މި ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލަ ކަމަށް ފާހަގަކުރެއްވިއެވެ. މުޅި މުޖުތަމަޢުގެ ހަމަޖެހުން ގުޅިފައިވަނީ ޢާއިލާގެ ހިތްހަމަޖެހުމަށް ކަމަށްވާއިރު، ކުޑަ ޖާގައެއްގައި އެތައް ބަޔަކު ދިރިއުޅެން ޖެހުމުގެ ސަބަބުން ޢާއިލާތަކުގެ މެދުގައި މައްސަލަތައް އިތުރުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާވާފައިވަނީ އިންތިޚާބުތައް ބޯމަތިވުމުން ކަމަށެވެ. އަދި އިންތިޚާބު ކައިރިވުމުން ބިންގާ އަޅައި މަސައްކަތް ފެށި ނަމަވެސް، އިންތިޚާބު ނިމޭއިރު އެތަންތަން ރައްޔިތުންނަށް ހަވާލުކުރެވިފައި ނުވާކަމީ ވޭތުވެދިޔަ ދެ ސަރުކާރުންވެސް ފެނިފައިވާ ހަޤީޤަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ހިޔާ ފްލެޓްތަކުގެ މަސައްކަތް އަވަސްކޮށް، އެ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ދިނުމަށް ވަރަށް ބޮޑަށް އެދިވަޑައިގަތް ކަމަށެވެ.
އޭރު އަޅުގަނޑު ހަވާލުވެ ހުރި ވުޒާރާގެ މަސައްކަތުގެ ތެރެއިން އަޅުގަނޑު ހަމަ ވަރަށް ޔަގީންކަމާއެކު ވަރަށް މަސައްކަތްކުރިން އެކަން އެގޮތައް ނުކުރުމަށް އިލްތިމާސްކޮށް... އެކަން ކުރުމަށް ޕޮލިސީ ޑައިރެކްޝަނެއް ނުދިން،
ރައީސް
މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިކަމަށް ކަމަށެވެ. އެގޮތުން، މިދިޔަ ސަރުކާރުން ކަނޑުފަޅުން ދޫކޮށްފައިވާ ގޯތިތައް ދިނުމަށް ބިން ހިއްކުމުގެ މަސައްކަތާއި، ނުނިމި ހުރި ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަލަށް އެތައް ހާސް ފްލެޓެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.