ޚަބަރު
"ތަރައްގީ ގެނަޔަސް އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން، ޓްރެކް ރެކޯޑު އޮތީ ސާފުކޮށް ފެންނަން" - ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކިތަންމެ ވަރަކަށް ގައުމު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގައި ވެގެންދިޔަ ކަންކަމަކީ ނުވާ ކަމެއްގެ ގޮތުގައި ނުހެދޭނެ ކަމަށާއި، މާޒީގެ ސަފުހާތައް ނިއުޅާލައި ބަލާލުމުން ވެރިކަން ކުރެއްވި ބޭފުޅުންގެ ހަގީގަތް އޮތީ ސާފުކޮށް ފެންނަން ކަމަށެވެ. އަދި މީގެ ކުރިން މީހަކު ކިރިޔާ އެއްޗެއް ބުނާއިރަށް ޖަލަށްލީ ދުވަސްތަކެއް ވެސް ގައުމު ދެކެފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި، އަޅުގަނޑު މިއީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން އެ ޒިންމާގައި ބައިވަރު އިހުލާސްތެރި މަސައްކަތްކުރެއްވި. އެކަމަކު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައުމުން ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭ ވެފައި،" ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި މި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ހިންގަން ހިތަށް އަރާ ބޭފުޅަކު ވިޔަސް، އެ މަނިކުފާނުގެ އަރިހުގައި ބަސްކިޔަން ހުންނަވަން މަސައްކަތް ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.
ރޭގެ ޖަލްސާގައި ރައީސް މުއިއްޒުގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.