Ads by Farudhun

ޚަބަރު

ޤައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތާމައެއް: ރައީސް

ޤައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތާމައެއް: ރައީސް

ރެސްކިއު އޮޕަރޭޝަންގައި ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ---

16 މޭ 2026، 07:19

ވާވު އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ޤައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ބޮޑު ހިތާމައެއްކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަން ކަށަވަރުކޮށްދެއްވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިއުޓީގައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.



މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށާއި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި، މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ، ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަނިކޮށް ހާލުދެރަވެގެން މާލެ ގެނަސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ. 



ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450