ޚަބަރު
ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތަށާއި ފުވައްމުލައް ސިޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް، ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ފާރޫޤް އަޙްމަދު ވަކިވެދިޔުމަކީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ލިބުނު ބޮޑު އުނިކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭނާއަކީ އެ ދާއިރާތަކަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު، އަގުހުރި ޝަޚްޞިއްޔަތެއް ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމް ފާރޫޤް އަޙްމަދުގެ ޢާއިލާއަށާއި ފުވައްމުލަކުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) May 18, 2026
ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ،… pic.twitter.com/Rp8uAEbQGr