ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ފާއިތުވި 6 މަހުގެ މާލީ ބަޔާން އާންމުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފާއިތުވި 6 މަސްދުވަހުގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.
އެ ބަޔާނުގައިވާގޮތުން، އެ މަނިކުފާނަށް ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިލައްވާފައި ވަނީ 705،025ރ. (ހަތްލައްކަ ފަސްހާސް ފަންސަވީސް ރުފިޔާ) އެވެ. އެއީ މުސާރައިގެ ގޮތުގަ އާއި ކުލީގެ ގޮތުގަ އާއި ޢާއިލާގެ ފަރާތުން ހަދިޔާކޮށްފައިވާ ފައިސާއެވެ.
އެއީ މުސާރައިގެ ގޮތުގައި 285،024ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ސައުވީސް ރުފިޔާ) އާއި ހުޅުމާލެ ރޯ ހައުސްއިން ކުލީގެ ގޮތުގައި ލިބުނު 240،000ރ. (ދެލައްކަ ސާޅީސްހާސް ރުފިޔާ) އާއި މ. ފިގްގެ ހިބައިން ލިބިފައިވާ ބައިން 180،000ރ. (އެއްލައްކަ އަށްޑިހަހާސް ރުފިޔާ)އެވެ.
އަދި ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް ލިބިލައްވާފައި ވަނީ ޖުމްލަ 282،927.30ރ. (ދެ ލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ތިރީސް ލާރި)ގެ އާމްދަނީއެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބޭ އެލަވަންސްގެ ގޮތުގައި ލިބުނު 199،999.98ރ. (އެއްލައްކަ ނުވަދިހަނުވަހާސް ނުވަސަތޭކަ ނުވަދިހަނުވަ ރުފިޔާ ނުވަދިހަ އަށްލާރި) އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78،000ރ. (ހަތްދިހަ އަށްހާސް ފުރިޔާ) އަދި މިނިސްޓްރީ އޮފް ހެލްތުން ކޮންސަލްޓަންޓެއްގެ ގޮތުން ލިބިލެއްވި 4،927.32ރ. (ހަތަރު ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ބައްތިރިސް ލާރި)އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާންގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މަނިކުފާނުގެ ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 150،000ރ. (އެއްލައްކަ ފަންސާސް ހާސް ރުިފޔާ)ގެ ހއ. ވަށަފަރު، ދިމްޔާތުއޭ ކިޔުނު ގޯއްޗާއި ހިބައިން ލިބިފައިވާ މ. ފިގް ހިމެނެއެވެ.
އަދި އެ މަނިކުފާނުގެ މިލްކިއްޔާތުގައި 260،000ރ. ކާރެއް ވެސް އޮވެއެވެ.
ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތު،ން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު، ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަންޖެހެއެވެ.