ޚަބަރު
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް މި ވެރިކަމުގައި އައު ކަންތައްތަކެއް ފެށިއްޖެ: ޖާބިރު
ޖާބިރު ރައީސް މުޢިއްޒު އާއެކު / ފޮޓޯ: ޕީއެންސީ
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް މި ވެރިކަމުގައި އައު ކަންތައްތަކެއް ފެށިފައިވާއިރު، ކުރިއަށް އޮތީ މިކަންކަން ހަރުދަނާކުރުންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ ކުރީގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ، 'އެމްއެމްޓީވީ' އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އިޤްތިޞާދު ސިންދަފާތުކުރުމަށް އައު ސިނާއަތްތަކާއި ވިޔަފާރިތައް ތަޢާރަފުކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންއައި ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް، އެކަމުގެ މުހިންމުކަން ވިސްނިވަޑައިގެން، ޢަމަލީގޮތުން އެކަމަށް މަސައްކަތްތަކެއް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ބަންކަރުންގެ ޚިދުމަތަށް އަލިއަޅުއްވާލައްވަމުން ޖާބިރު ވިދާޅުވީ، އެކަމުންވެސް މިހާރު އާމްދަނީ ލިބެމުން އަންނަ ކަމަށެވެ. އަދި މިފަދައިން ފަށާ ކޮންމެ ކަމެއްވެސް ފެށޭއިރު އުދަގޫތަކެއް ހުރި ނަމަވެސް އެކަންވެސް ދާނީ ކުރިއަށްކަމަށް ޖާބިރު ވިދާޅުވިއެވެ. ހަމަ އެއާއެކު، ފަތުރުވެރިކަން ފެށިގެންއައިއިރު ރާއްޖޭގެ ރިސޯޓުތަކުގައި ހިންގަމުން އައި ސްޕާތަކުގައި ހުންނާނީ ތެޔޮ ފުޅިއަކާއި ކުނަލެއް ނަމަވެސް، މިއަދު ރާއްޖޭގެ ރިސޯޓުތަކުން ދޮޅުމިލިއަން ޑޮލަރުން ފެށިގެން ގޮސް 10 މިލިއަން ޑޮލަރާ ހަމައަށް ޚަރަދުކޮށްގެން އެންމެ ޒަމާނީ އަގުބޮޑު ވަޞީލަތްތަކާއެކު ސްޕާތައް ޤާއިމްވެފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ރާއްޖޭގެ އިޤްތިޞާދު އައުު ހަރުފަތަކަށް ގެންދިޔުމުގެ މަޤްޞަދުގައި އަދުގެ ސަރުކާރުން އިޢުލާންކުރައްވާފައިވާ ޑިވެލޮޕްމެންޓު ބޭންކަކީ ފައިނޭންސް ނުލިބުމުގެ ސަބަބުން ވިޔަފާރި ފުޅާނުކުރެވި، ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ނުކުރެވި ތިބި ވިޔަފާރިވެރިންނަށް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭން ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއްކަމަށް
ރާއްޖޭގެ އެތައް ވިޔަފާރިތަކެއް އެބަހުރި ފައިނޭންސް ނުލިބިފައި އެހެންނޫންތޯ؟ އެހެންވީމާ ޑިވެލޮޕްމެންޓު ބޭންކެއްގެ އައިޑިއާއެއް ގެނެސް ޑިވެލޮޕްމެންޓު ބޭންކެއް އެސްޓަބްލިޝްކޮށް އެ ޚިދުމަތް ފެށުމާ ހަމައަށް އައުމަކީ ވަރަށް ބޮޑު ކުރިއެރުމެއްތާ. ސަރުކާރަކީ ރިސޯޓުތައް ހަދާ ރަށްތަކުގެ އޯނަރުން. އަޅުގަނޑުމެން މިތިބެނީ ލީސްގައި. އެ ލީސް މުއްދަތެއްގެ ތެރޭގައި. ސަރުކާރުން ޑިވެލޮޕްމެންޓު ބޭންކު މެދުވެރިކޮށް ސަރުކާރުން ގެރެންޓީތަކެއް ދީގެން އިންޓަނޭޝަނަލް ބޭންކުތައް މެދުވެރިކޮށް ލޯކަލް ބޭންކެއްގެ ގޮތުގައި ޑިވެލޮޕްމެންޓު ބޭންކު ބައިވެރިވެގެން ފައިނޭންސް ހޯދައިދޭން އެ ފޯމިއުލާ އެޗީވްކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއޮތީ އެކަންވެސް ކުރައްވާފައޭ.
ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވަނީ މި ސަރުކާރުން ވެރިކަމަށް ވަޑައިގަތުމާއެކު، މަސްވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން، މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ގިނަ ޚިދުމަތްތަކެއް ރަށްރަށާއި އަތޮޅުތަކުން އެކުއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީވެސް ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން ޖާބިރު ވަނީ އެކަމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.
ޖާބިރު ވަނީ، ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކޮށް ޕްރޮޕަޓީތައް ޑިވެލޮޕްކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.