ޚަބަރު
މާއްކާގައި ޙައްޖުވެރީންގެ އިންތިޒާމްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
ޙައްޖުވެރީންގެ ގްރޫޕެއް މައްކާއަށް ދިއުމަށްފަހު ޢުމްރާ ކުރަނީ / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާއްކާގައި ޙައްޖުވެރީންގެ އިންތިޒާމްތައް ކުރިޔަށްދާގޮތް ބައްލަވާލައްވައިފިއެވެ.
މި އިންތިޒާމްތައް އެ މަނިކުފާނު ބައްލަވާލެއްވީ، ސައުދީ އަރަބިއްޔާގައި ހުންނެވި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލްއާ ފޯނުން ގުޅުއްވައިގެންނެވެ.
ޝަކީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯނުން ގުޅުއްވައި މައްކާގައި އިންތިޒާމްތައް ކުރިޔަށްދާގޮތުގެ އިތުރުން، ޙައްޖުވެރިންގެ ހާލު ވެސް ބައްލަވާފައި ކަމަށެވެ. އޭގެއިތުރުން ޙައްޖުގެ މަޝާއިރުތަކުގެ ތެރޭގައި ފޯރުކޮށްދެންޖެހޭ ޚިދުމަތްތަކާ ގުޅިގެން ވެސް އެ މަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިކަމަށް ޝަކީލް ވިދާޅުވިއެވެ.
"ޙައްޖުވެރިންގެ ހާލު ބެއްލެވުމުގެ އިތުރުން، ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތްތަކާއި، އޭގެއިތުރުން ޙައްޖުގެ އަޅުކަމަށްޓަކައި މަޝާއިރުގެ ތެރޭގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުވައި، މިކަންކަމުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ބައެއް ލަފާފުޅުތައް ވެސް ވަނީ އަރުވާފައި." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
އެހެންކަމުން ޙައްޖުވެރީންގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެއްގޮތަށް، ދިވެހި ޙައްޖުވެރީންނަށް ލުއިފަސޭހަވާނެގޮތަށް ބަލައިގެންކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
ޙައްޖުގެ އަޅުކަން ފެށެންވާއިރަށް ހައްޖު ކޯޕަރޭޝަނުން އަންނަނީ ޙައްޖުވެރީންގެ ކަންކަން ލުއިފަސޭހަ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޙައްޖުގެ އަޅުކަމުގެ ތެރެއިން މިނާގައި ޙައްޖުވެރިން ތިބޭ ޓެންޓުތަކުގެ އިންތިޒާމުތައް ހަމަޖައްސަމުންދާގޮތް ބައްލަވާލެއްވުމަށް، ޝަކީލް ވަނީ މިއަދު ޓެންޓުތަކަށް ޒިޔާރަތް ކުރައްވައިފައެވެ.
މިނާގެ ޓެންޓުތަކުގައި ޙައްޖުވެރީން ނިދުމަށް ހަމަޖެހިފައި ވަނީ ހަނިކޮށް ހުންނަ ސޯފާ އެނދުތަކެއްގައެވެ. އެމްޑީ ޝަކީލް ވިދާޅުވީ މި އެނދުތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
މި އަހަރުގެ ޙައްޖުގެ މަތިވަރި އަޅުކަމަށް ދިއުމަށް ފުރުސަތު ލިބުނު ދިވެހި ހުރިހާ ޙައްޖުވެރީން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. އެންމެ ފަހު ގްރޫޕް ސައުދީ އަރަބިއްޔާއަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ.