ކުޅިވަރު / ޚަބަރު

ފުޓުބޯޅައަކީ މުޖުތަމައު ބަދަހިކޮށްދޭ ކުޅިވަރެއް، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުއިއްޒު

ފުޓުބޯޅައަކީ މުޖުތަމައު ބަދަހިކޮށްދޭ ކުޅިވަރެއް، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 01:11

25 މޭ 2026، 01:11

ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ބޮޑު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުޓުބޯޅަ އަކީ މުޅި ދުނިޔެވެސް އެއްބައިވަންތަ ކުރުވާ، ބަދަހި ކުޅިވަރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށާއި، ކުޅުންތެރިންނާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އެގޮތުން، ފުޓުބޯޅައިގެ އުމްރާނީ ވަޞީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިސްލާހުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ސަބަބުން، ދިވެހި އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާއެކު، ޒަމާންތަކެއް ވަންދެން މާލޭގެ ކުލަބުތަކަށް އެކަނި އޮތް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު މިހާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައެވެ. މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، އަތޮޅުތެރޭގެ ރަށްތައް ތަމްސީލުކުރާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވޭނެ އިންތިޒާމު އެފްއޭއެމްގެ އައު މެނޭޖްމަންޓާއި ސަރުކާރު ގުޅިގެން މިހާރު ވަނީ ފަހިކޮށްދީފައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަހު ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ، ދުނިޔެ ބަދަހިކޮށް، ސުލްޙަމަސަލަސްކަން ޕްރޮމޯޓުކުރުމުގައި ފުޓުބޯޅަ އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. އެއީ 1924 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުމާ ގުޅުވައިގެންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450