Ads by Farudhun

ޚަބަރު

ޙައްޖު ދުވަހަކީ ރަޙްމަތާއި ފުއްސެވުމުގެ ދުވަހެއް: ރައީސުލްޖުމްހޫރިއްޔާ

ޙައްޖު ދުވަހަކީ ރަޙްމަތާއި ފުއްސެވުމުގެ ދުވަހެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:00

26 މޭ 2026، 11:00

ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމުގެ އިތުރުން މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންދާ މަތިވެރި ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ދިވެހި ރައްޔިތުންނަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ. ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އެމަނިކުފާނު ހިއްސާކުރެއްވި މި މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމައާއި ޘަވާބު ދެއްވުން އެދިވަޑައިގެން މާތް ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.



މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މި ބަރަކާތްތެރި ދުވަހުގެ އަޖުރާއި ރަޙްމަތް ހުރިހާ މުސްލިމުންނަށް ދެއްވުން އެދި އެކަމަނާ ދުޢާކުރެއްވިއެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، އެންމެ ހާޖީއެއް ފިޔަވައި ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ހުރިހާ ޙާޖީންވެސް މިވަގުތު ތިބީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ޢަރަފާތު ބިމުގައެވެ. ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.

ޙައްޖު ދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނާ މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ، އަދި އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. މިއީ އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މުސްލިމުން މިއަދު ޢަރަފާތު ބިމަށް ޖަމާވެފައިވާއިރު، މިއީ މުސްލިމުންގެ މެދުގައިވާ ހަމަހަމަކަން ދައްކުވައިދޭ އެންމެ ބޮޑު ނަމޫނާއެވެ.



ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ފަރުޟުކުރައްވާފައިވާ ޙައްޖުގެ އަޅުކަމަކީ، މާތް ﷲ އަށް ކުއްތަންވުމަށްޓަކައި އަދާކުރެވޭ އެންމެ މަތިވެރި އެއް އަޅުކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450