ޚަބަރު
އަޒަރްބައިޖާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އަޒަރްބައިޖާނުގެ ބާކޫގައި ބޭއްވުނު ކޮޕް-29 ސަމިޓްގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
އަޒަރްބައިޖާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ އަޒަރްބައިޖާނުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. ރައީސްގެ މެސެޖުގައި، އަޒަރްބައިޖާނުން މިނިވަންކަން ހޯދުމަށްފަހު އެ ގައުމުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ގައުމު ތަރައްގީކުރުމުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ގައުމަށް ބާއްޖަވެރި ދުވަސްތަކަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ މެދުގައި ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން، ރާއްޖެއާއި އަޒަރްބައިޖާނުގެ ގުޅުން އިހުނަށްވުރެ ބަދަހިވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ވިޔަފާރިއާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަ އެއް ސަބަބަކީ، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އަޒަރްބައިޖާނުގެ ބާކޫގައި ބޭއްވުނު ކޮޕް-29 ސަމިޓަށް ރައީސް މުޢިއްޒު ކުރެއްވި ޒިޔާރަތެވެ. އެ ދަތުރުފުޅުގައި އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި އަޒަރްބައިޖާނާއެކު އޮތް ގުޅުމަށް ވަނީ އަމަލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން، ދިވެހިންނަށް ވިސާއާ ނުލައި އަޒަރްބައިޖާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ މި ސަރުކާރުގައެވެ. މީގެ އިތުރުން، އެ ގައުމުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައި، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް މި ދައުރުގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ރައީސް މުޢިއްޒު ވަނީ ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.