ޚަބަރު
ވަޠަނީ ޚިދުމަތުގެ އިތުރު 2 ބެޗް މިއަހަރު ބާއްވަނީ
ވަޠަނީ ޚިދުމަތުގެ ދަސްވެނިނުން ފޮޓޯ: އެމްއެންޑީއެފް
ޤައުމީ ޚިދުމަތުގެ ރޫޙު އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ޕްރޮގްރާމްގެ އިތުރު ދެ ބެޗެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 900 އާއި 1000 އާ ދެމެދުގެ ޢަދަދަކަށް ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރުން ކަމަށެވެ.
މިހާ ހިސާބުން ނިންމާލަނީއެއް ނޫން އަޅުގަނޑުމެން. މިއަހަރު އަދި އިތުރު 2 ބެޗް ތަމްރީނު ކުރާނެ
ރައީސް ވިދާޅުވިއެވެ.
ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިއްމު ބަޔަކީ އިންސާނީ ވަޞީލަތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުސްތަޤުބަލުގައި ޤައުމުގެ ކަންކަމާ ހަވާލުވާން ތިބި ޒުވާނުންނަކީ ހަރުދަނާ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ޤައުމު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ތެރެއިން 600 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވެފައިވާއިރު، ފުރަތަމަ ބެޗުގެ 300 ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައެވެ. ޚާއްޞަކޮށް ޕްރައިވެޓް ސެކްޓަރއަށް ޝައުޤުވެރިވާ ކުދިން ފިޔަވައި، ގިނަ ޒުވާނުން ސިފައިންނާއި ފުލުހުންގެ ޚިދުމަތާ ގުޅެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުގެ ވާހަކަ ބައިވެރިންނާއި ބެލެނިވެރިންވެސް ވަނީ ހިއްސާކޮށްފައެވެ. ޕްރޮގްރާމްގެ ބައިވެރިއަކު ބުނިގޮތުގައި ކުރިން ނަމާދަށާއި މީހުންނަށް ކުރާ އިޙުތިރާމް ކުޑަނަމަވެސް، މި ތަމްރީނުގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރުކުރާށާއި ވަގުތުގެ އަގު ވަޒަންކުރަން ވަނީ ދަސްވެފައެވެ. ބެލެނިވެރިންވެސް ވަނީ ކުދިންގެ ކިބައިން ފެންނަ ޒިންމާދާރުކަމާއި ސާފުތާހިރުކަމުގެ އާދަތަކަށް ތައުރީފުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ދިފާޢީ ވުޒާރާއާ ގުޅިގެން މަސައްކަތްކުރާ މުއައްސަސާތަކަށާއި، ބެލެނިވެރިންނާއި ދަރިވަރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 1 ގައި އިފްތިތާޙްކުރި މި ޕްރޮގްރާމްގެ ދެ ބެޗަކުން މިހާތަނަށް 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.