ޚަބަރު
އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ ހީވާގި ޚިދުމަތްތެރިއެއް: ރައީސް މުޢިއްޒު
އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް ފޮޓޯ: ރައީސް އޮފީސް
ލ. ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ އެމަނިކުފާނުގެ އަރިހުގައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ލ. ދަނބިދޫގެ ކަތީބުކަމާއި، ހިންގުމުގެ ދާއިރާގެ ތަފާތު މަޤާމުތަކުގައި ރަށަށާއި އަތޮޅަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ހީވާގި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވައި، އާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަބްދުﷲ ޝަރީފް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ ދައުލަތުގެ އެކި މަރުޙަލާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި، ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) May 29, 2026
ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި، އަޅުގަނޑުގެ ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެއް. ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ މިނޫން ވަޒީފާތައްވެސް އަދާކުރެއްވި… pic.twitter.com/L6688Me1FB