Ads by Farudhun

ޚަބަރު

މޫސުން ގޯސްވެ، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފި

މޫސުން ގޯސްވެ، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފި

ވައިގަދަ ދުވަހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 12:37

31 މޭ 2026، 12:37

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

މޫސުމާބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. މި ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެ ސަރަހައްދުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދަކީ ބަންދު ދުވަސްތަކަކަށްފަހު ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ހުޅުވުނު ދުވަސް ކަމަށްވުމުން، ޗުއްޓީއަށް އެކި ރަށްރަށަށް ދިޔަ ފަރާތްތަކުން އެނބުރި މާލެއަށް އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހޭލެންތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450