Ads by Farudhun

ޚަބަރު

މައުލޫމާތު ހާމަކުރުމުގެ ގާނޫނީ ޒިންމާ މި ހަފުތާގައި ހުރިހާ ވުޒާރާއަކުން ފުރިހަމަކުރާނެ: ރައީސް މުޢިއްޒު

މައުލޫމާތު ހާމަކުރުމުގެ ގާނޫނީ ޒިންމާ މި ހަފުތާގައި ހުރިހާ ވުޒާރާއަކުން ފުރިހަމަކުރާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 12:24

01 ޖޫން 2026، 12:24

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ ވުޒާރާއަކުން ހާމަކޮށް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް މިހާރު ވުޒާރާތަކުން ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ހަތަރު ވުޒާރާއަކުން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހާމަކޮށްފައިވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދެން ހުރި މިނިސްޓްރީތަކުންވެސް ގާތްގަނޑަކަށް ނިމެމުންދަނީ. މިބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ މިނިސްޓްރީއަކުންވެސް ހަންޑްރެޑް ޕަސެންޓު އެޗީވްކުރެވޭތޯ، އެ މައުލޫމާތުތައް ޕަބްލިޝްކޮށް ނިންމަން،

ރައީސް 

2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ ދައުރާއި މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އިތުރުން ޝަކުވާ ހުށަހެޅޭނެ އުސޫލުތައް ފަދަ މުހިއްމު މައުލޫމާތުތައް މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ޖެހެއެވެ. ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށިތާ 12 އަހަރު ވެފައިވާއިރު، މީގެ ކުރީގެ ސަރުކާރުތަކުން މި ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެކި ވުޒާރާތަކަށް ހުށަހަޅާފައިވާ އާރްޓީއައި  ތަކަށް ޖަވާބުދިނުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު މުއްދަތު ހަމަވެފައި ހުރި ހުރިހާ އާރްޓީއައިތަކަށްވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖަވާބުދީ ނިންމައިލެވޭނެއެވެ.

ސަރުކާރުގެ މި ނިންމުމަކީ ދައުލަތް ހިންގުމުގެ ނިޒާމު ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ނިޒާމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިއްމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450